ކ. ހުރާ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ބަޔަކު ނުވަތަ މީހަކު ގެއްލުންދީފިއެވެ.
ހުރާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން އެރަށު ބަނދަރުގައި ހަދަމުންދާ މޮނިއުމެންޓަށް ރޭ ގެއްލުންދީ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މި މަޝްރޫޢުއަކީ ހުރާ ރައްޔިތުންގެ މާލިއްޔަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށް އެކައުންސިލުން ވަނީ މި މަސައްކަތް ކުރަމުން ދަނިކޮށް މޮނިއުމެންޓަށް ގެއްލުންދީ އޭގެ ބައެއް ހަލާކުކޮށްލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހުރާގައި ހަދާ މޮނިއުމެންޓަށް ގެއްލުންދީފައި، ފޮޓޯ: ކައުންސިލް
''މިފަދަ ޢަމަލުތަކަކީ ކުރިއެރުމާއި ތަރައްގީއަށް އެޅޭނެ ހުރަކަށް ވާހިނދު، މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ޙައްޤު އަދަބު ނުދެވޭނަމަ މިފަދަ ޢަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ރައްޔިތުންގެ އަމަންއަމާންކަމަށް އަސަރުކޮށް ރަށުގައި ފިތުނަފަސާދަ އިތުރުވެގެން ހިނގައިދާނެކަމަށް މި ކައުންސިލުން ދެކެން'' ހުރާ ކައުންސިލުން ބުނެފަވެއެވެ.
ހުރާ ކައުންސިލުން ވަނީ މިފަދަ ނާތަހުޒީބު އެއްވެސް ޢަމަލެއް އެއްވެސް ރައްޔިތަކު ނުހިންގުމަށް އެދިފައެވެ. އަދި މި ޢަމަލުކުރި މީހަކު ނުވަތަ ބަޔަކު ހޯދައި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފަވެއެވެ.
މި ޢަމަލު ހިންގި ބަޔަކު ނުވަތަ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ހުރާކައުންސިލުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ މިދިޔަ ހޯމަ ދުވަހު (4 އޯގަސްޓް 2025) ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންވެ މި މައްސަލަ ތަހްގީގްކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ހުރައަކީ ވަރަށް އަމާން، ސުލްހަމަސްލަސްކަމަށް ލޯބިކުރާ އެކުވެރި ރައްޔިތަކު ދިރިއުޅެމުން އައި ރަށެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!