ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ހަތް ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް މިއަދު ވަނީ ބައްދަލުކުރަށްވާފައެވެ.

Ad
rt

ސަރުކާރުގެ "ހަފުތާ 14" ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ތެލަސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، މި ޕްރޮގްރާމްގެ ދަށުން، ކޮންމެ އަހަރަކު ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހޮވިފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު ވަނީ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި ބާކީ ތިބި 7 ކުދިން މި މަހުގެ ތެރޭގައި ފޮނުވުމަށް ވަނީ ހަމަޖެހިފައިކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

މިގޮތުން އޮގަސްޓް 4 ވަނަ ދުވަހު 3 ކުދިން، އޮގަސްޓް 5 ވަނަ ދުވަހު އެއް ކުއްޖަކު، އޮގަސްޓް 8 ވަނަ ދުވަހު އެއް ކުއްޖަކު، އޮގަސްޓް 9 ވަނަ ދުވަހު އެއް ކުއްޖަކު އަދި އޮގަސްޓް 12 ވަނަ ދުވަހު އެއް ކުއްޖަކު ފުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.