ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ އެއްވެސް އިންތިޚާބަކާއި ގުޅުވައިގެންނޫންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ، މި ބިލުގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރު ހަމަވުމަށް އެއް އަހަރަށް ވުމުން ބޮޑެތި ކަންތައްތަކެއް ނިންމުން އެއީ ރަނގަޅުކަމެއްނޫންކަމަށެވެ.
''މި އިޞްލާޙްގެ މައިގަނޑުގައި މިވާ ޙަޤީޤަތުގައި މިބުނަނީ ލޯކަލް ކައުންސިލްތައް އެ ކައުންސިލް ތަކެއްގެ ދައުރު، މިސާލަކަށް އެއީ 5 އަހަރުގެ ދައުރެއް ކަމަށް ވަންޏާ 4 އަހަރު ދުވަހު މަސައްކަތްކޮށްފައި، އެ ބޭފުޅުން ހަމަ މިހާރު މިއޮތް ނިޒާމްގެ ތެރެއިން މަސައްކަތްތައް ފުރިހަމަކޮށްފައި އެއް އަހަރު ދުވަހަށްކައިރިވީމާ ނުވަތަ އެއް އަހަރަށް ބަދަލުވީމާ އެ އެއްއަހަރު ދުވަސް ތެރޭގައި ކައުންސިލްގެ ބޮޑެތި ކަންތައްތައް ނިންމުން އެއީ ރަނގަޅު ކަމެއް ނޫނޭ.'' ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، މި ބިލުގައި ބާރުއަޅާފައި ވަނީ އެގޮތަށް ކަމަށާއި، ހަގީގަތުގައި މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ވެސް ގެންނަން ޖެހިފައިވާ އިސްލާހެއްކަމަށެވެ. މިހާރު އޮންނަގޮތުން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހެއްގެ ދައުރު ހަމަވާން ކައިރިވީމައި ވެސް ވޯޓަށް ބޮޑެތިކަންކަން ނިންމާކަމަށް ވިދާޅުވެ، ފަލާހް މިސާލެއްގެ ގޮތުގައި ނެންގެވީ މިދިޔަ ރިޔާސީ އިންތިިޚާބު ބޯމަތިވެފައި އޮއްވައި ހުޅުމާލެއިން 11 ބިލިއަން ރުފިޔާގެ ބިންތައް ވޯޓާއި ގުޅުވައި ''ބަހާލިބަހާލު''މެވެ. ފަލާހް ވިދާޅުވީ، އެފަދަ ކަންތައް ހުއްޓުވުމަށް މުޅި ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަކީ ރަނގަޅުކަމެއް ކަމަށެވެ.
ފަލާހްގެ ވާހަކާގައި ވިދާޅުވީ، ސަރުކާރުން މި އިސްލާޙް ހުށަހަޅާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ކާމިޔާބުވާނެތޯ ނޫންތޯ ވިސްނައިގެން ނޫންކަމަށެވެ.
''އަޅުގަނޑުމެން މި އިޞްލާޙް މި ހުށަހެޅީކީ އެއްގޮތަކަށް ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީއަށް ކާމިޔާބު ވާނެތޯ ނުވާނެތޯ؟ މިއްޔެއްނޫން، އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރުން ގާނޫނު ތަކަށް އިޞްލާޙް ގެންނައުމާއި، އަލަށް ގާނޫނުތައް މި މަޖިލީހަށް ހުށަހަޅަނީ އިންތިޚާބުތަކާއި ގުޅު ވައިގެންނެއް ނޫން، އެކަން ވަރަށް ބޮޑަށް ސާފުވާނެ މި މަޖިލީހުގައި މަސައްކަތްކުރައްވާ އިއްޒަތްތެރި މެންބަރުންނަށް'' ފަލާހް ވިދާޅުވިއެވެ.
މިގޮތުން މިއަދުވެސް މަޖިލީހުގައި ފުރަތަމަ ބަލައިގަނެ ބަހުސް ހިންގީ އެމްޑީޕީގެ މެމްބަރެއް ހުށަހަޅާފައިވާ ބިލަކަށްކަން ފާހަގަކުރަށްވައި ފަލާހް ވިދާޅުވީ، ޕީއެންސީއާއި މި ސަރުކާރަކީ ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާ ބަޔެއްކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ހަމަވާން އަހަރަކަށް ކުޑަވުމުން ބޮޑެތި ބިންތައް ދޫކުރުމާއި، ކޮންޓްރެކްޓް ވަޒީފާތައް ނެގުންފަދަ ކަންކަމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި، މި ބިލު ހުށަހެޅުނު މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!