ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށާއި، ރާއްޖޭގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އަލުން ފެތުރެންފެށި ހިމަބިއްސަށް ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ހއ. ހޯރަފުށީގައި ބާއްވައިފިއެވެ.
ހޯރަފުށީ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (އެޗްވައިޑީއެސް) އިން ތިޒާމުކޮށްގެން ހޯރަ ފުށީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދުސަލީމްގެ އެހީތެެރިކަމާއެކު އެރަށު ސިއްޚީ މަރުކަޒާއި، ކައުންސިލާއި އަދި އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާއާއި ގުޅިގެންނެވެ.

އެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު އުސާމާ ޢަލީއެވެ.
ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ އެމަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެފަދަ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވަނީ އުލިގަމާއި، ތުރާކުނުގައިވެސް ކުރިއަށް ގެންގޮސްފައެވެ.
ހޯރަފުށީ ސިއްޚީ މަރުކަޒުންވެސް ވަނީ އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަކޮށްގެން ކޮރޯނާވައިރަސްއަށް ހޭލުންތެރި ކުރުމުގެ ސެސަނެއް ބާއްވައިފައެވެ.
ކޮރޯނާވައިރަސްއިން ހޯރަފުށީރައްޔިތުން ރައްކާތެެރިވެ ތިބުމަށް އެހީތެެރި ވުމުގެ ގޮތުން އެރަށުގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ އެފްސީ ފްރިގޭޓާރއިންވެސްވަނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ބޭނުންކުރާ 2000 ފޭސް މާސްކު ހޯރަފުށީ ސިއްޚީމަރުކަޒަށް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!