ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ގުޅިގެން ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައިވެރިން ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހި ޤައުމިއްޔަތު އިއާދަަކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ މަޤުސަދަކީ ދިވެހީންގެ އަސްލުތަކާއި ދިވެހިވަންތަކަމުގެ ސިފަތަކާއި ހަނދާންތައް ގެއްލެމުންދާތީ، މި ހަނދާންތައް ރިކޯޑުކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޤާބިލްކަން ދިވެހިންގެ ކިބައިގައި އަށަގަންނަވައި، ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަގާފަތް އަތޮޅުތަކާއި ރަށްތަށުގައި އިއާދަކޮށް އާލާކުރުމަށެވެ.
މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ރަށުގެ ތާރީޚު ރައްކާކުރެވި، އިސްވެރިންނަށް ކުރެވޭ އިޙުތިރާމު އިތުރުވެ، ތައުލީމު ފޯރުވައިދިނުމާއި ދިރާސާކުރުމަށާއި، އިޤްތިސާދީގޮތުން ކުރެވޭ މަސައްކަތްތަކުގައި ބޭނުންކުރެވޭނެ ދިވެހިންގެ ވާހަކަތަކާއި އުފެއްދުންތައް ފަރުމާކުރުމަށް ބޭނުންވާ މައުލޫމާތުވެސް އެއްކުރެވިގެން ދާނެއެވެ.
އެގޮތުން ކުޅުދުއްފުށި ސޓީގައި ވެސް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަޝްރޫޫޢުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ އުމުރުން 18 އަހަރުފުރިފައިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން https://forms.office.com/r/tm21UmgD2L މެދުވެރިކޮށް ފޯމު ފުރުމަށެވެ.
މި މަޝްރޫޢުއަށް ބައިވެރިން ނަގަން ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 10 ބައިވެރިންނެވެ. އަދި މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ (ހަފްތާއަކު 1 އޮންލައިން ސެޝަން) ހިމެނޭހެން ޕްރޮގްރާމަކާއި، 3 ދުވަހު އަމަލީ ތަމްރީނެއް ފުރިހަމަ ކުރަންޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!