އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މީގެ ކުރީން ވަނީ ޖޫން މަހާއި ޖުލައި މަހު ރިޕޯޓްކޮށްފައެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ބޮޑުވަޒީރު މި މަހުގެ 25 އިން 26 އަށް ރާއްޖެ އަށް ރަސްމީ ދަތުރުޅެއް ކުރަށްވާނެއެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެއްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭގޮތުން މަތީފަންތީގެ މަޝްވަރާތައް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ.

މޯދީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ

މޯދީގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރާއި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ އަހަރާއެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބޮޑުވަޒީރު މޯދީ އެންމެ ފަހުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވީ އިބްރާހީމް މުހައްމަދު ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ މުހިންމު އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ބައިވެރިއެކެވެ.