ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ކުރައްވާ ޒިޔާރަތެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަކަށް މި ޒިޔާރަތް ވެގެންދާނެއެވެ.
މި ޒިޔާރަތުގައި އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހިންދު ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ދަށުން ދެ ޤައުމުން ކުރަމުންދާ މަސައްކަތްތަކަށް އިސްކަމެއް ދީ، އިތުރަށް ހަރުދަނާ ކުރުމަށްވެސް މި ޒިޔާރަތުގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވޭކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފަވެއެވެ.
މި ޒިޔާރަތަކީ ދިވެހި ސަރުކާރުގެ ބައެއް ވަޒީރުން އިންޑިއާގެ ބޮޑުވަޒީރާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް އައި ހީނަރުކަމަކަށްފަހު، އަލުން ގުޅުން ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި ކުރައްވާ ޒިޔާރަތެކެވެ. މިދިޔަ އަހަރު ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ރިކަވަރީއަށް އެހީތެރިވުމުގެ ގޮތުން 3،000 ކްރޯރު ރުފިޔާގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފަވެއެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ މުހިންމު އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ބައިވެރިއެކެވެ. އެގޮތުން، އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް (ޖީ.އެމް.ސީ.ޕީ) އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލެވޭނެއެވެ. މި މަޝްރޫޢަކީ ގުޅީފަޅު ބަނދަރު ތަރައްޤީކުރުމަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައިވުމާއެކު، މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢެކެވެ.
ބޮޑުވަޒީރު މޯދީ އެންމެ ފަހުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވީ އިބްރާހީމް މުހައްމަދު ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި މަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ މީޑިއާއިން މިދިޔަ ޖޫންމަހުގެ ދެވަނަ ދުވަހު ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!