ހދ. މަކުނުދޫ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ފެނަކަ ކޯޕަރޭޝަން އާއި އިއްޔެ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތާއި، މަކުނުދޫ ކައުންސިލް އަދި ހެލްތް ސެންޓަރުގެ އިތުރުން ފެނަކަ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad
rt

މަކުނުދޫ ހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާ އިބްރާހީމް ޝަރީފް 'ތިލަދުން' އަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު އަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ މަޝްރޫޢު އެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށްވެސް އިބްރާހީމް ޝަރީފް ވިދާޅުވެފައިވެއެވެ.

އެގޮތުން މި ހޮސްޕިޓަލުގައި މަކުނުދޫ އިން މިހާރު ނުލިބޭ ހިދުމަތްތަކުގެ ތެރެއިން އެކްސްރޭ ގެ ހިދުމަތްތަކާއި ރަށުގެ ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް ސްޕިޝިއަލިސްޓުން ހޮސްޕިޓަލުގައި މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަކުނުދޫގައި ޤާއިމްކުރެވޭ ހޮސްޕިޓަލަކީ މިހާރު މަކުނުދޫ ހެލްތް ސެންޓަރު ޤާއިމްކޮށްފައިވާ ބިމާއި ވަކިން ބިމެއް މަކުނުދޫ ކައުންސިލުން ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މަކުނުދޫ ރައްޔިތުން މިހާރު އަންނަނީ ސިއްހީ ފަރުވާ ހޯދުމަށް ދިގު ދަތުރެއް ކޮށްފައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެގޮތުން ރައްޔިތުންގެ އަތުން ދާނެ ހަރަދާއި އުފުލަންޖެހޭ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ވީހާވެސް އަވަހަކަށް މަކުނުދޫގައި ރަނގަޅު ސިއްހީ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.