ކުޅުދުއްފުށި ސިޓީ ހޮނިހިރު ބާޒާރު ތަރައްޤީ ކުރަން ނިންމާފައިވަނީ ބާޒާރުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ސިޓީ ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު (ރިލޭ) ވިދާޅުވެއްޖެއެވެ.
ރިލޭ މިހެން ވިދާޅުވީ ސިޓީ ކައުންސިލުން ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ފަރާތެއް ހޯދުމަށްޓަކައި އާންމު ކޮށްފައިވާ އިއުލާނަކާއި ގުޅިގެންނެވެ.
އެގޮތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އެތައް ބަޔަކަށް ފަސޭހަތަކެއް ގެނެސްދޭ މުހިންމު ތަނެއްކަމަށާއި މި ބާޒާރު ތަރައްޤީކުރުމަށް އެކި ދައުރުތަކުގައި ތަފާތު ގިނަ މަސައްކަތްތައް ކުރެވިފައިވީ ނަމަވެސް، ބާޒާރާއި ނުގުޅޭ ކޮންސެޕްޓްތައް ބޭނުންކުރެވިފައިވާކަން ރިލޭ ފާހަގަކޮށްފައިވެއެވެ.
ރިލޭ ވިދާޅުވީ، މިފަހަރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ނިންމާފައިވަނީ ބާޒާރުގެ އަސްލު ނުގެއްލޭގޮތަށް، ގަސްތައް ބަހައްޓައިގެން، ލޮބީ އޭރިއާއަކާއި ފާޚަނާގެ އިތުރުން ފީޑިންގ ރޫމެއްވެސް ހިމަނައިގެން ކަމަށެވެ. އަދި ވިއްސާރަ މޫސުމުގައި ބާޒާރު ބޭނުންކުރަން ދަތި ނުވާ ކަހަލަ ކޮންސެޕްޓަކަށް ވިސްނާފައިވާކަމަށްވެސް ރިލޭ ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
އަދި ރިލޭ އިތުރަށް ވިދާޅުވީ ތިން އަތޮޅު ރައްޔިތުންނަށް ދިގު ދަތުރަކަށްފަހު ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓަށް ޒިޔާރާތް ރައްޔިތުންނަށް ހިތްފަސޭހަކޮށްލެވޭނެ ޚިދުމަތްތެރި މާހައުލަކަށް މި ބާޒާރު ވެގެން ދިއުމަށާއި މި މަސައްކަތް ކާމިޔާބު ކަމާއެކު ނިމި، ހޮނިހިރު ބާޒާރުގެ އާ ބާބެއް ފެށުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.
މި މަސައްކަތް ތަރައްޤީކުރުމަށް ޝައުގުވެރިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށް، ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!