ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ނައިކޯ ޓްރެވެލްސް އިން "ނައިކޯ ޓްރެވެލްސް ގައިޑް ޓު ހަނިމާދޫ 2025" ގެ ނަމުގައި ޓްރެވެލްސް ގައިޑެއް ނެރެފިއެވެ.
ނައިކޯ ޓްރެވެލްސް އަކީ ހަނިމާދޫއަށް ނިސްބަތްވާ ތިން ބޭފުޅުން ކަމަށްވާ ހުސެއިން ޝަފީއު އަލީ، އިބްރާހީމް ޝިފާން އަދި އަހްމަދު އަފްރާހް ގުޅިގެން ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ޓްރެވެލްސް އެޖެންސީއެކެވެ. ނައިކޯ ޓްރެވެލްސް އިން ވިއްކަމުން އަންނަ ޕެކޭޖްތައް މިހާރު ވެސް އެ އެޖެންސީގެ އޮންލައިން ޕްލެޓްފޯމްތަކުން ފެންނަން ހުންނާނެއެވެ.
މި ޓްރެވެލް ގައިޑްސް ނެރެދެއްވާފައި ވަނީ އިއްޔެ ހަނިމާދޫ ވިލުވެލި ހޮލިޑޭ ރިޓްރީޓް ގެސްޓް ހައުސްގައި، އެކަމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މޯލްޑިވިއަން ސްޓޭޝަން މެނޭޖަރ މައުމޫން ރަޝީދުއެވެ.
ހދ. ހަނިމާދޫ
ހަނިމާދޫއަށް ހާއްސަ ކޮށްގެން ނެރެފައިވާ ޓްރެވެލްސް ގައިޑާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ނައިކޯ ޓްރެވެލްސްގެ ކޯފައުންޑަރ ހުސެއިން ޝަފީއު އަލީ ވިދާޅުވީ އެ އެޖެންސީން އިސްނަގައިގެން ހަނިމާދޫއަށް ހާއްސަކޮށްގެން ނެރެވުނު ޓްރެވެލްސް ގައިޑަކީ ފެށުމެއް ކަމަށާއި، ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި މުޅި ތިލަދުން މައްޗަށް ހާއްސަ ގައިޑެއް ތައްޔާރުކޮށް ނެރުން ކަމަށެވެ.
މި ގައިޑުގައި ހަނިމާދޫއާއި ގުޅޭ ތަފާތު ގިނަ މައުލޫމާތުތައް ވަނީ ހިމަނާފައެވެ. އެގޮތުން ހަނިމާދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް ހުރި ފަހި އަދި ފަސޭހަ ފުރުސަތުތަކުގެ މައުލޫމާތު ވަނީ ހިމަނާފައެވެ.
ހަނިމާދޫގެ ބިޔަ ފަޅު ފެންނަ ފޮޓޯއެއް
ހަނިމާދޫއަކީ މިވަގުތު ވެސް ސިޓީ ހޮޓަލެއްގެ އިތުރުން އެކި ފެންވަރުގެ ގެސްޓް ހައުސްތައް އޮޕަރޭޓް ކުރަމުން އަންނަ ރަށަކަށްވާއިރު، އެ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން އެންމެ އެކަށޭނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ވެސް މި ގައިޑުގައި ވަނީ ހިމަނާފައެވެ.
ހދ. ހަނިމާދޫ
މީގެއިތުރުން އެ ރަށަށުގައި ހުރި ކެފޭ ރެސްޓޯރެންޓްގެ މައުލޫމާތާއި، އެތަންތަނުން ހިދުމަތްދޭ ވަގުތުތަކާއި ލިބެން ހުރި ތެކެތީގެ މައުލޫމާތު އެ ގައިޑުގައި ވަނީ ހިމަނާފައެވެ. އަދި ސަގާފީ ކެއުންތަކާއި އެ ރަށުގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ތަޖުރިބާ ކޮށްލުމަށް ހުރި ފުރުސަތުތައް ވެސް އެ ގައިޑުގައި ވަނީ ހިމަނާފައެވެ.
ހަނިމާދޫ ޓޫރިޒަމް ޒޯނާއި، އެރަށުގައި ސިޓީ ހޮޓާ ތަރައްގީކޮށްފައިވާ ސަރަހައްދު، ފޮޓޯ: ޒުވާން މަސްވެރިޔާ (ސާޖިން)
މުނިފޫހި ފިލުވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން އެ ރަށުގައި އޮންނަ ހިތްގައިމު ރާޅާ އަޅާ ސަރަހައްދުގައި ރާޅާއެޅުމަށް ހުރި ފުރުސަތުތަކާއި ސްކޭޓް ޕާކްގެ އިތުރުން ކައިޓް ސާފް ކުރުމާއި ތަފާތު މޫދު ކުޅިވަރު ކުޅުމުގެ ފުރުސަތާއި މުނިފޫހި ފިލުވާލަދެނިވި ބޮޑުބެރުގެ ހަރަކާތްތަކާއި ގުޅޭ މައިލޫމާތު ވަނީ ހިމަނާފައެވެ.
ހދ. ހަނިމާދޫ ކައިރި ޑައިވް ޕޮއިންޓެއް، ފޮޓޯ: ސާޖިން/ޒުވާން މަސްވެރިޔާ
ހަނިމާދޫއަކީ ބޮޑު ފަޅަކާއި ރަށުގެ ވަށައިގެން ބޮޑު ފަރެއް އޮންނަ ރަށެކެވެ. އަދި އެ ރަށާއި ކައިރި ހިސާބުތަކުގައި ރަނގަޅު ޑައިވިން ޕޮއިންޓްތައް ހުރިއިރު، ޑައިވް ކޮށްލަން ބޭނުންވާ ފަރާތްތަކަށް ހަނިމާދޫ ޑައިވް އެންޑް ވޯޓަރސްޕޯޓްސް އިން ލިބެންހުރި ހިދުމަތްތައް ވެސް އެ ގައިޑްގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން ސްޕޯޓްސް ފިޝިންނާއި އަދި އެ ނޫންވެސް ތަފާތު މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މަސްވެރިކަން ކުރުމަށް ނުވަތަ އެކަން ތަޖުރިބާ ކޮށްލުމަށް ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ވެސް އެ ގައިޑްގައި ވަނީ ހިމަނާފައެވެ.
ޓްރެވެލްސް ގައިޑް: www.naecotravels.com
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!