ޕާކިސްތާނުގެ ލީޑަރޝިޕަކީ ‘’ވަރަށް ވަރުގަދަ’’ ލީޑަރޝިޕެއްކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޗާންސެލަރ މަގާމާި ފްރިޑްރިޗް މަރޒް ހަވާލުވުމަށްފަހު އޭނާ އާއި އެކު ވައިޓް ހައުސްގައި ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ކުޑަކުރުމުގައި ޕާކިސްތާނުގެ ދައުރު ފާހަގަކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ.

Ad
rt

ޓްރަމްޕްގެ ވާހަކަފުޅުގައި ވަނީ މައްސަލަ ސީރިއަސް ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށް ޕާކިސްތާނުގެ ލީޑަރޝިޕުން މުހިންމު ފިޔަވަޅުތަކެއް އެޅިކަމަށް ވިދާޅުވެފައެވެ.

މިގޮތުން ޓްރަމްޕް ޕާކިސްތާނުގެ ލީޑަރޝިޕް ސިފަކުރެއްވީ "ވަރަށް ވަރުގަދަ" ލީޑަރޝިޕެއް ގޮތުގައެވެ.

"އަހަރެން މިހެން ބުނީމަ ބައެއް މީހުންނަށް ކަމުނުދާނެ، އެކަމަކު މިއީ ޙަޤީޤަތް" އޭނާ ވިދާޅުވިއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އެންމެފަހުން ހިނގި ކުރު ހަނގުރާމާގައި ޕާކިސްތާނުން ޢަމަލުކުރީ ޒިންމާދާރުކަމާއެކު ކަމަށާއި، ކަންތައްތައް އިތުރަށް ގޯސްވިޔަ ނުދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ހާލަތު ބަދަލުކޮށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޚުދު އޭނާގެ އަމިއްލަ ބައިވެރިވުން ބޮޑުކަމަށާއި، އެކަން ހާސިލްވީ އޭނާ އެހީތެރިވެދީގެން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެކުނު އޭޝިޔާ ސަރަޙައްދުގައި އިތުރު ބޮޑު ހަނގުރާމައެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމުގައި އެމެރިކާގެ ފަރާތުން ފަރުދާ ފުރަގަހުގައި ގިނަ މަސައްކަތްތައްކޮށް، އެކަމުގައި އެމެރިކާއިން ވަރަށް މުހިންމު ރޯލެއް އަދާކުރިއެވެ.

އޭނާގެ އެވާހަކަފުޅުތަކަށް ބައެއް މީހުން އެއްބަސްނުވެދާނެކަން ޤަބޫލުކުރެއްވި ނަމަވެސް، އޭނާގެ ބަސްފުޅުތަކުގައި ދެމިހުންނަވައި، ތެދުބަހުން ވާހަކަދެއްކުމަކީ މުހިންމުކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޖަރުމަނު ލީޑަރު މަޤާމާ ހަވާލުވުމަށްފަހު ޗާންސެލަރ މަރޒް އާއެކު ޓްރަމްޕްގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި މިވާހަކަތަކުގެ އިތުރުން ބައިނަލްއަޤްވާމީ ގިނަ މައްސަލަތަކަކާ މެދު މަޝްވަރާކުރެވުނު ނަމަވެސް، ދިގު މުއްދަތެއްގެ ކުރިން އުފެދިފައިވާ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ދެ އަވައްޓެރި ޤައުމެއްގެ ދެމެދުގައި ސުލްޙަ ދެމެހެއްޓުމުގައި ޑިޕްލޮމަސީ އާއި ލީޑަރޝިޕްގެ މުހިންމުކަން ފާހަގަކުރެއްވި ދެކުނު އޭޝިއާއާ ބެހޭ ޓްރަމްޕްގެ ޚިޔާލުފުޅުތަކަށް ޚާއްޞަ ސަމާލުކަމެއް ލިބުނެވެ.