1446 ވަނަ އަހަރުގެ ޙައްޖަށް ދިވެހިރާއްޖެއިން ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސް މިހާރު ވަނީ މިނާއަށް ދަތުރުކޮށްފައެވެ.
ދިވެހި ޙައްޖު މިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފައްޓަވާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާ އަށް ދަތުރުކުރީ 21 ބަހުގައެވެ.
މިއަހަރު ދިވެހިރާއްޖެއިން ޖުމްލަ 1000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރަމުންދާއިރު، ރާއްޖޭގެ ޙައްޖު މިޝަނުން ހާމަކުރި ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅެވެ.
މިނާއަށް ދިޔުމަށްފަހު، ޙައްޖުވެރިން ދެން ތައްޔާރުވަމުންދަނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި ޢަރަފާތަށް ދިއުމަށެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައިކަމަށް ޙައްޖު މިޝަނުން ބުންޏެވެ.
ޢަރަފާތަށް ދިއުމަށްފަހު، ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެފަހުން، ބޮޑުޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުން ހިމެނޭ ގޮތަށް އިތުރު އަޅުކަންތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ޠަވާފުލްއިފާޟާކުރުމާއި ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުން ހިމެނެއެވެ.
ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ވަދާޢުގެ ޠަވާފު ކުރާނެއެވެ.
މިއަހަރުގެ ޙައްޖުދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަހެވެ.
ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!