މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ޙާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މިއަދު ހާމަކޮށްފިއެވެ.
ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަތަރު ފްލައިޓެއްގެ މަތިން ޙާޖީން މައްކާއަށް ވަނީ ފޮނުވިފައެވެ.
މިއަހަރު ތަޢާރަފުކުރެވުނު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ދަތުރުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް މިޝަނުން ފާހަގަކުރެއްވިއެވެ.
މި އިނީޝިއޭޓިވްގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި ޙާޖީން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދިޔައިރު، އިތުރު ގިނަ ފަސޭހަތަކެއް ވެސް ލިބިގެންދާނެއެވެ.
ޙާޖީން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަކުރަމުންދާކަމަށް މިޝަނުން ހާމަކުރިއެވެ. އަދި ޙާޖީންނާ ގުޅޭ އެންމެހައި ކަންކަން ސަޢޫދީ ސަރުކާރާ ގުޅިގެން ދިވެހި ޙައްޖު މިޝަނުން ކުރިއަށް ގެންދާކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަސްކަން ފާހަގަކޮށްލެވެއެވެ. މި ދުވަހަކީ ޙައްޖުގެ އެންމެ މުހިންމު އެއް ދުވަސްކަމަށްވާތީ، ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދެވޭނެކަމަށް މިޝަނުން ވަނީ ޔަގީންކަން ދީފައެވެ.
1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހި ޙައްޖުވެރިން މިމަހުގެ 26 ވަނަ ދުވަހު ފުރަން ފަށާފައިވާއިރު، އެންމެ ފަހު ފްލައިޓް ފުރީ އިއްޔެ އެވެ. މިއަހަރު ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ވަނީ މިއަދު މައްކާ އަށް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!