ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އިތުރަށް ފުޅާކުރުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.
މި ކުންފުންޏަށް ދީފައިވާ ނަމަކީ "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާބާދީ ބޮޑު ސަރަޙައްދުތަކާއި މަދުން އާބާދުވެފައިވާ ސަރަޙައްދުތަކުގެ ޢުމްރާނީ ތަރައްޤީ ކުރިއެރުވުމެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.
ކުންފުނީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ވެސް ކުންފުނިން ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާއެވެ. މިއީ 10 ރުފިޔާގެ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2025 ގެ ދަށުން އުފެދުނު މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!