ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމަވައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން، ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި ކަނޑައަޅާފައިވާ ހުރިހާ ބޭންޑެއްގެ އަގުތައް ވެސް ރައީސް ވަނީ ހިއްސާކުރަށްވާފައެވެ.
މިގޮތުން މިހާރު 0-100 ޔުނިޓަށް ނަގަމުންދާ 1.50 ރުފިޔާގެ ރޭޓު 1.25 ރުފިޔާއަށް ތިރިކުރަން ނިންމާފައިވާއިރު، 101-200 ޔުނިޓަށް މިހާރު ނަގާ 1.70 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ކުޑަކުރަން ވަނީ ނިންމާފައެވެ.
1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން. pic.twitter.com/2SsaM6CGOQ
— Dr Mohamed Muizzu (@MMuizzu) May 30, 2025
މީގެ އިތުރުން 201-300 ޔުނިޓުން މިހާރު ނަގާ ރޭޓް 2.15 ރުފިޔާ 1.50 ރުފިޔާ އަށް ކުޑަކޮށް، 301-400 ޔުނިޓުން މިހާރު ނަގާ 2.50 ރުފިޔާ 1.50 ރުފިޔާއަށް ކުޑަކޮށް، 401-500 ޔުނިޓުން މިހާރު 2.95 ރުފިޔާ 2.66 ރުފިޔާއަށް ކުޑަކޮށް، 501-600 ޔުނިޓުން މިހާރު ނަގާ 3.55 ރުފިޔާ 3.20 އަށް ކުޑަކޮށް އަދި +600 ޔުނިޓުން މިހާރު ނަގާ 4.25 ރުފިޔާ 3.83 ރުފިޔާއަށް ކުޑަކުރަން ރައީސް ވަނީ ނިންމަވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ މި ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އަންގަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!