ރައީސް ޑރ. މުޙައްމަދު މުޢިއްޒު "މީޑިއާ ފެންޑާ" ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

"މީޑިއާ ފެންޑާ" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުންކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފަވެއެވެ.

Ad
rt

މި ފެންޑާ ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ތަނުގެ ސަލާމަތީ ކަންކަމާއި އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި 24 ގަޑިއިރުވެސް މި ތަން ހުޅުވާފައި ބެހެއްޓޭނެއެވެ.

ރައީސް މީޑިއާ ފެންޑާ ހުޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީޑިއާތަކަށެވެ. އަދި މި ތަން ބޭނުންކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާ ޚާއްޞަ ހުއްދައަކާ އެކުގައެވެ.

މީޑިއާ ފެންޑާ ހުންނަނީ ގްރީން ޒޯނުގެ ސަރަޙައްދުގައި ކަމަށްވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން ކަނޑައަޅާ އުސޫލުތައް މި ސަރަޙައްދަށްވެސް ހިނގާނެއެވެ.