މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރި 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބޭ ބޮޑު އުފަލެއް އަދި ޝަރަފެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި މި އަހަރު ރާއްޖެ ހިމަނާދީފައިވާއިރު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އިއްޔެ ވަނީ މައްކާ އަށް ގޮސްފައެވެ.

Ad
rt

ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް މެސެޖެއްގައި ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއް ކަމަށެވެ.

‏ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް ދީފައެވެ.

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި

މީގެ އިތުރުން ދިވެހި ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބެމުންދާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

‏’’އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވެގެން ދިޔުމެވެ.

ރައީސް ވަނީ ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރައްވައި، ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ދިވެހި ހައްޖީންނަށް ހިތްހަމަޖެހޭ މަބްރޫރު ޙައްޖަކަށް ވަނީ އެދިވަޑައިގެންފައެވެ.