ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި އިޞްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުންވެސް މަނާވާނެއެވެ.
އިޞްލާޙުގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން އަދި ޕްރޮމޯޓްކުރުން މުޅީން މަނާވެގެންދާނެއެވެ. އަދި ޤާނޫނާ ޚިލާފަށް ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީ، އަތުލައިގަނެވޭ ތަކެތި ނައްތާލެވޭނެ ނިޒާމެއްވެސް ކަނޑައެޅިފައިވެއެވެ.
ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.
މި ބިލަކީ 13 މޭ 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފާސްކުރެވުނު ބިލެކެވެ. ބިލު ތަޞްދީޤުކުރެއްވުމާއެކު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!