އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބޯންމައުތު ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، ސިޓީން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ރޭ ލިބުނު މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ސިޓީއަށް 37 މެޗުން ވަނީ 68 ޕޮއިންޓް ލިބިފައެވެ. ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތްއިރު ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން މަސައްކަތްކުރަމުން އަންނަ ޓީމްތަކުގެ މެދުގައި ފެންނަން އޮތީ ބޮޑު ވާދަވެރިކަމެކެވެ. އެގޮތުން ބަލާއިރު ހަތަރު ވަނާގައި ނިއުކާސަލް އޮތީ 37 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި އޮތް ޗެލްސީއަށާއި ހަވަނާގައި އޮތް އެސްޓަން ވިލާއަށް ވެސް ވަނީ 66 ޕޮއިންޓް ލިބިފައެވެ. ހަތްވަނާގައި ނޮޓިންހަމް ފޮރެސްޓް އޮތީ 65 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ރޭ މެޗަކީ މި ސީޒަންގައި ސިޓީގެ ދަނޑުގައި ކުޅުނު ފަހުމެޗެވެ. މި މެޗު އެންމެ ބޮޑަށް ހާއްސަވެފައި ވަނީ ފާއިތުވި 10 އަހަރު ސިޓީއަށް ކުޅުނު ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާއަށެވެ. މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލަން ނިންމާފައިވާ ޑިބްރޭނާއަށް އަށް އަލްވަދާއު ކިޔުމުގެ ގޮތުން ރޭ ވަނީ ދަނޑުގައި ހާއްސަ ހަރަކާތެއް ވެސް ބާއްވާފައެވެ.

މެޗުގެ 14 ވަނަ މިނިޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވަޑް އުމަރު މަރްމޫޝްއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާރނަޑޯ ސިލްވާ ވަނީ އިތުރު ލަނޑެއް ޖަހާ ސިޓީއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މި މެޗުގެ 67 ވަނަ މިނިޓުގައި ސިޓީގެ މިޑްފީލްޑަރ މަޓިއޯ ކޮވަސިޗް އަށް ރެފްރީ ދެއްކި ރަތް ކާޑާއިއެކު ސިޓީން މެޗުގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަދި އޭގެ ހަ މިނިޓު ފަހުން ބޯންމަތުގެ ލެވިސް ކުކް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށްވެސް ރަތް ކާޑު ދައްކާފައެވެ.

ސިޓީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ ގޮންޒަލޭޒްއެވެ.

ބޯންމަތު އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ޑޭން ޖެބިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.