ދިވެހިރާއްޖޭގެ 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު މައްކާ އަށް ފުރާފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް އަތުވެއްޖެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ.
ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭއިރު، އޭގެ ތެރޭގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް ހިމެނެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.
މިއަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާ އިން ވަނީ ނިންމާފައިވާއިރު، މި ނިންމުމުގެ ދަށުން ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ ސަރުކާރުން ނިންމައިފި
މިއަދު ރާއްޖެ ވަޑައިގެންނެވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމެވެ. މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތައް ހިމެނެއެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!