1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ޢިއުލާން ކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ މި ނިންމުމާ ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައް ހާމަކުރަށްވާފައެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދިވެހި ހައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމާއި، ލަގެޖް ސީދާ ހޮޓަލަށް ލިބުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އެއަރޕޯޓުގައި ޙައްޖުވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެ ގޮތް މަގުފަހިވެގެންދާނެއެވެ.

Ad
rt

"މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެކެވެ. ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށެވެ. ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ." ވަޒީރު ވިދާޅުވެފަވެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.

ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް

  • ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
  • ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
  • ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފުރުޞަތުގައި ޑރ. ޝަހީމް ސަޢޫދީ އަރަބިއްޔާގެ ޢިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ޝުކުރު އަރިސްކުރެއްވިއެވެ. އަދި ސަައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށް ވެސް ޝުކުރު އަރިސްކުރެއްވިއެވެ.