ހދ. ނޮޅިވަރަމަށް ނިސްބަތްވާ އާދަމް އިބްރާހިމް ގެއްލުނު މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އާދަމް އިބްރާހިމް ހޯދަން ފެށީ 11 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބިގޮތަށް އަނބުރާ ދޯންޏަށް ނުގޮސް، ޚަބަރެއް ނުވެގެންނެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 މެއި 2025 ދުވަހުގެ ރޭ 10:25 އެހާކަންހާއިރު އެވެ.
އެވަގުތުން ފެށިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި މިއަދު ހެނދުނު އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.
ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަމް މީހާ ފަޅުރަށަކުން ފެނިއްޖެ
ފުލުހުން ބުނީ އާދަމް އިބްރާހިމް ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއެކު ނަޑެއްލާގެ ރައްޔިތުން ވެސް ބައިވެރިވިކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިންގެ ކޯސްޓްގާރޑުން ވެސް ބައިވެރިވެ، މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން އޭނާ ހޯދުމަށް ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ވަނީ ބަލާފައެވެ. އަދި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވެއެވެ. އެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުންނެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!