ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭއްވި "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ރޭ ނިންމާލައިފިއެވެ.

މި ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

"ދިވެހިރާއްޖެ 2.0" އަކީ، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤްޞަދަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ސަމިޓުގައި، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ޤާއިމުކުރުމާއި، ސޮވަރިން ކްލައުޑް ޤާއިމުކުރުމާއި، ޑިޖިޓަލް ރޮނގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން ވަނީ ޤައުމީ ޑިޖިޓަލް އިޤުރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މި އިޤުރާރު އެ މަނިކުފާނަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ އިތުރުން ސަމިޓްގެ އެހެނިހެން ބައިވެރިންގެ ހާޒިރުގައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.