އިއްޔެ އަކީ ދުނިޔޭގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ދިވެހި ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ. ގާތްގަނޑަކަށް 16 ވަރަކަށް މަސް ދުވަސް ފަހުން މި ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރިއިރު، ރައީސް ނޫސްވެރިންނާއި ބައްދަލުނުކުރަށްވައި ދިގުލައިފައިވާތީ ބައެއްފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ރައީސްގެ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ވޭތުވި ދޮޅު އަހަރެއްހާ ދުވަސްތެރޭ ބޭއްވެވި 4 ވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ.

Ad
rt

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުން ފަށަން ތާވަލުކޮށްފައި އޮތީ ހެނދުނު 10:00 ހާއިރުއެވެ. މާ ލަސްތަކެއްނުވެ ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ދިޔައިރު، އިއްޔެގެ އެ ބައްދަލުވުން ތާރީޚުން ޖާގަ ހޯދާފާނެކަމަށް ކުރިން ހީކުރެވިފައެއްނެތެވެ. އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުނުވެ ދިޔަ ސަބަބުތައް ސާފުކޮށްދެއްވާފައެވެ. އަދި އެ މުއްދަތުގައި ވެސް ސަރުކާރުން ކަންކަން ހާމަކޮށް، ސާފުކޮށްދިނުމުގެ ނިޒާމް ގާއިމުވެފައި އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ބައްދަލުވުން 14 ގަޑިއިރާއި 55 މިނިޓް އަށް ދިގުދެމިގެން ދިޔައެވެ. ދޭތެރެ މެދުން ހުސްވަގުތުކޮޅެއް ނެންގެވުމަށްފަހު އަނެއްކާ ފައްޓަވަނީއެވެ. މިގޮތުން ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ވަގުތު ދެއްވިއެވެ.

ރައީސް ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރަނީ، ފޮޓޯ: ރައީސް އޮފީސް

މި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޖަވާބުދެއްވަމުން ގެންދެވީ ޕޯޑިއަމްކައިރީ ކޮޅަށް ހުންނަވައިގެންނެވެ. މެންދަމު 12:55 ގައި ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލެއްވިއިރު ވެސް މޫނުފުޅުމަތިން އެއްވެސް ވަރުބަލިކަމެއްގެ އިހްސާސެއް ނުފެނެއެވެ. ހުންނެވީ ހިނިތުންވެވަޑައިގެންނެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލެއްވީ އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރާ އެކު ކަމަަށް ވިދާޅުވެ، އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމުގެ އުންމީދު ދެއްވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މީގެ ކުރީން ދިވެހި ރައީސުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އެންމެ ދިގުދެމިގެން ދަނީ ދެ ގަޑިއިރެއްހާ އިރަށެވެ. އާންމު މިންގަނޑަކީ އެއް ގަޑިއިރެވެ. ނޫސްވެރިކަޔަށް ލިބޭނީ ވެސް އެއްފުރުސަތު ނޫނީ ދެ ފުރުސަތެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިން ބޭނުން މިންވަރަކަށް ބޭނުން ސުވާލެއް ކުރައްވަން ރައީސް ފުރުސަތުދެއްވިއެވެ. ބައްދަލުވުން ދިގުލައިގެން ދިޔުމުން ބައެއް ނޫސްވެރިން ބައްދަލުވުން ދޫކޮށްލިނަމަވެސް ބާކީ ތިބި ނޫސްވެރިންނާއެކު ރައީސް ހުންނެވިއެވެ. ނޫސްވެރިންގެ ސުވާލު ހުސްވަންދެން ސާފުޖަވާބު ދެއްވަމުން ގެންދެވިއެވެ.

ރައީސް ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސްގެ 14 ގަޑިއިރާއި 55 މިނިޓްގެ މި ނޫސްވެރިންގެ ބައްދަލުވުން މި ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. މިއީ ދިވެހި ރައީސަކު މިހާތަނަށް ދެއްވި އެންމެ ދިގު ނޫސް ކޮންފަރެންސެވެ. އަދި ލިބިހުރި މައުލޫމާތަށް ބަލާއިރު، މިއީ ދުނިޔޭގެ ވެރިއެއްވެސް ދެެއްވި އެންމެ ދިގު ނޫސް ކޮންފަރެންސްކަމަށް ބެލެވެއެވެ.

ރައީސް ޑރ. މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ޤައުމެއްގެ ރައީސަކު ނުވަތަ ވެރިއަކު އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިކަމުގެ ރެކޯޑުގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވެނީ 10 އޮކްޓޯބަރ 2019 ގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ. ޔުކްރެއިންގެ ނެޝަނަލް ރެކޯޑްސް އެޖެންސީން ބުނާ ގޮތުގައި، ޒެލެންސްކީގެ ނޫސްވެރިންގެ ބައްދަލުވުން 14 ގަޑިއިރު ދެމިގެން ދިޔައެވެ.

ރައީސް ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރަނީ، ފޮޓޯ: ރައީސް އޮފީސް

އޭގެ ކުރިން ދައުލަތުގެ އިސްވެރިއަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު އޮތީ ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯ ކަމަށް ބުނެވެއެވެ. އެ ބައްދަލުވުމުގެ ދިގުމިނަކީ 7 ގަޑިއިރެވެ. އަދި ކިއުބާގެ ރައީސް ފިޑެލް ކާސްޓްރޯ 1960 ގައި އދ. ގައި ދެއްވި 4 ގަޑިއިރާއި 29 މިނެޓްގެ ތަގްރީރަކީ ވެސް ގައުމެއްގެ ވެރިއަކު ދެއްވި ފާހަގަކޮށްލެވޭ ދިގު ތަގްރީރެކެވެ.