ގޫގުލްއާ ދެކޮޅަށް ހިންގަމުންދާ އެންޓިޓްރަސްޓް ކޭސް ގޫގުލްއަށް ގެއްލިއްޖެ ނަމަ ފަޔާފޮކްސް ބަންދުކުރަން ޖެހިދާނެކަމަށް އެ ބްރައުޒާގެ ބެލެނިވެރި ފަރާތްކަމުގައިވާ މޮޒިއްލާއިން ބުނެއެވެ.

މޮޒިލާގެ މާލީ ވެރިޔާ އެރިކް މޫލްހައިމް ވިދާޅުވީ ކުންފުނީގެ އާމްދަނީގެ 90 އިންސައްތަ ލިބެނީ ފަޔަރފޮކްސް މެދުވެރިކޮށް ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ލިބެނީ ގޫގުލްއާއެކު ކުރެވިފައިވާ އެއްބަސްވުމަކުންނެވެ. މި އެއްބަސްވުމުގެ ދަށުން ފަޔަރފޮކްސްގައި ޑިފޯލްޓް ސާރޗް އިންޖީނަކީ ގޫގުލްއެވެ.

Ad
rt

އިންސާފުގެ ޑިޕާޓްމަންޓުން ބޭނުންވަނީ ގޫގުލް އެފަދަ އެއްބަސްވުންތައް ހެދުން ހުއްޓުވުމަށެވެ. އެމެރިކާގެ ކޯޓަކުން މިހާރު ވެސް ވަނީ ގޫގުލްއަކީ ޤާނޫނާ ޚިލާފަށް ސާރޗް މާކެޓް މޮނޮޕޮލައިޒްކޮށްފައިވާ ކުންފުންޏެއް ކަމަށް ނިންމާފައެވެ.

މޫލްހައިމް ވިދާޅުވި ގޮތުގައި މި ފައިސާ ނުލިބިއްޖެނަމަ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަޔަރފޮކްސްގެ ތަރައްޤީއަށް އަސަރުކޮށް، ބޭނުންކުރާ ފަރާތްތައް މަދުވެ، އާޚިރުގައި ބްރައުޒަރު ބަންދުކުރަން ޖެހިދާނެއެވެ.

"މިއީ ވަރަށް ބިރުވެރި ހާލަތެއް، ގޫގުލްގެ ބާރު ކުޑަކުރަން އުޅޭއިރު، އަޅުގަނޑުމެންގެ ބްރައުޒަރު ނެތިދިއުމުން ގޫގުލްގެ ބާރު އިތުރަށް ވަރުގަދަވެގެން ހިނގައިދާނެއެވެ." މޫލްހައިމް ވިދާޅުވިއެވެ.

ފަޔަރފޮކްސް ނެތިގެން ދިއުމުން ވެބް ބްރައުޒިންގެ އިތުރުން، މޮޒިއްލާގެ ހިލޭ ސޮފްޓްވެއަރ، އާޓިފިޝަލް އިންޓެލިޖެންސް އަދި ގްލޯބަލް ވޯމިންގ ދިރާސާތަކަށްވެސް އަސަރުކުރާނެއެވެ.