ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

Ad
rt

މި މެސެޖުގައި ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރަށްވައި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މިގޮތުން ޕްރީނޭޓްލް، އެންޓްއިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ގެ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވުމާއި އަދި ކޮންމެ މަޔަކީ، އެ ރަށެއްގައި ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޙިދުމަތްތެރީންގެ ޙިދުމަތްލިބޭ މައެއްކަން ކަށަވަރުވެފައިވާކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޙިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ހިއްސާކުރި މެސެޖުގައި، އެކުވެރި ދައުލަތްތައްފަދަ އިދާރާތާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންގެ އެހީއާއިއެކު ވެކްސިން ޖެހުމާއި، ކުޑަކުދިންނަށް ފައިދާހުރި ކާނާއާއި ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގިފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ. އަދި މިފަދަ ޙިދުމަތްތައް ދިނުމުގައި ހެލްތް ކެއަރ ވޯކަރުންގެ އަގު ވަޒަންކޮށް މިކަމުގައި އެފަރާތްތަކުން އަދާކުކޮށްފައިވާ ދައުރަށް ރައީސްވަނީ ޙާއްޞަ ޝުކުރެއް އަދާކުރަށްވާފައެވެ.

މީގެ އިތުރުން، ޕްރައިމަރީ ހެލްތް ކެއަރ، ޔުނިވާރސަލް ހެލްތް ކަވަރޭޖް އަދި ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމަށާއި މިކަމުގެ ސަބަބުން ޞިއްޙީ ޙިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދުޅަހެޔޮ ދިރިއުޅުމެއް އިޙްތިޔާރުކުރުމަށްޓަކައި ގިނައިން ހަރަކާތްތެރިވެ، ހެލިފެލިވެ އުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަމެއްދީ، ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތައް ގެއްލުމެއްލިބިދާނޭފަދަ ޢަމަލުތަކުން އެއްކިބާވެހުރުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް ކޮންމެ މަންމައަކާއި ދަރިޔަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކޮށް އެކަށޭނެ މުުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާނެކަމުުގެ ފުރިހަމަ ޔަޤީންކަން ރައީސްގެ މި މެސެޖުގައި ދެއްވާފައިވެއެެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޭޕްރިލް 7 ވަނަ ދުވަހުއެވެ.

މި އަހަރުގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން އާންމު ކުރި މެސެޖެއްގައި މައިންނާއި ކުޑަކޑަކުދިންގެ ސިއްޙަތަކީ ދުޅަހެޔޮ ޢާއިލާތަކާއި މުޖުތަމަޢުތަކުގެ އަސާސްކަން ބަޔާންކޮށް، އަދި އެއީ އަޅުގަނޑުމެން އެންމެންނަށް އުއްމީދީ މުސްތަޤުބަލެއް ކަށަވަރުކޮށްދޭ ކަމެއްކަމަށް ވަނީ ބުނެފައެވެ.

7 އޭޕްރީލް 2025 ގައި ފާހަގަކުރެވޭ ދުނިޔޭގެ ސިއްޙަތު ދުވަހުން ފެށިގެން، މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ގުޅޭ އަހަރު ދުވަހުގެ ކެމްޕޭނެއް ފަށަން ސިއްހަތު ޖަމިއްޔާއިން ނިންމާފައިވާއިރު، "ދުޅަހެޔޮ ފ ފެށުމެއް، އުއްމީދީ މުސްތަޤުބަލެއް" މި ނަމުގައި ކުރިޔަށްދާ މި ކެމްޕޭނުގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ މަރު ނައްތާލުމަށް މަސައްކަތްތައް އިތުރުކުރުމަށާއި، އަންހެނުންގެ ދިގު މުއްދަތުގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ސަރުކާރުތަކާއި ސިއްޙީ ދާއިރާއަށް ސިއްހަތު ޖަމިއްުޔާއިން ވަނީ ގޮވައިލައިފައެވެ.

ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މިހާރުގެ ޙާލަތަށް ބަލާއިރު، 2030 ވަނަ އަހަރާ ހަމައަށް މައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް 5 ޤައުމުންކުރެ 4 ޤައުމު ދަތުރުކުރަމުންދަނީ ރަނގަޅު މަގަކުން ނޫނެވެ. އަދި 3 ޤައުމުންކުރެ 1 ޤައުމު އަލަށް އުފަންވާ ކުދިންގެ މަރު މަދުކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުނުވެވެއެވެ.