ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިފިއެވެ.
ރައީސްގެ މި ޒިޔާރާތުގައި ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ.
އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.
ރައީސްގެ މި ޒިޔާރަތުގައި ވަނީ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ވެސް ބައްލަވައިލައްވައިލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވާފައި މިވަނީ ތެލަސީމިއާ ޕޭޝަންޓްގެ ބެލެނިވެރިންނާއި ޕޭޝަންޓުން ހިމެނޭހެން އެ ސެންޓަރުގެ ވެރިން އިސްތިއުފާއަށް ގޮވާލައި ރޭ މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ. އެ މުޒާހަރާގައި އެ ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އިއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!