ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ޚަރަދު ކުރައްވައިގެންނެވެ.

Ad
rt

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދާއި އެހެނިހެން ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އަމާޒު ކުރެވިފައިވެއެވެ. މީގެ ތެރޭގައި ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީ ތަރައްޤީކުރުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއް އަދި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްޤީ ކުރުން ހިމެނެއެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއު.ޓީ.އީ) ޓެކްނޮލޮޖީ ތަޢާރަފުކޮށް، ދުވާލަކު އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ކުނި ޓްރީޓްކުރުމާއި ރީސައިކަލްކުރުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމެވެ.

ރައީސް މުޢިއްޒުގެ ޒިޔާރަތުގައި، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވިފައިވާ ބަދަލުތައްވެސް ބައްލަވާލެއްވިއެވެ. މިގޮތުން، ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލަކު 76 ބޭލްގެ ކުނި އުފެއްދުމާއި، ރިސޯޓްތަކުން އަންނަ ކުނި ޖަމާކުރާ ސަރަޙައްދުގެ ހިދުމަތް އަވަސްކުރެވިފައިވާކަން ފާހަގަކުރެވުނެވެ.

މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.

ރައީސް މުޢިއްޒުގެ ޒިޔާރަތުގައި ފާހަގަކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި، ފެސިލިޓީގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެޑްވާންސް ސަވައިލަންސް ސިސްޓަމްތައް ޤާއިމުކުރެވިފައިވާކަމާއި، ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ބޭނުންކުރެވިފައިވާކަން ހިމެނެއެވެ. އަދި ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވެއެވެ.