ހަމާސްއިން ޓެލް އަވީވްއަށް ފުލުފުލުގައި ތިން ރޮކެޓް ދީފިކަމަށް ބުނެފިއެވެ. މިއީ އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށްފަހު ހަމާސްއިން ފުރަތަމަ ފަހަރަށް ރޮކެޓް ހަމަލާ ދިންކަން އެނގިފައިވާ ފަހަރެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެއް ރޮކެޓް އަމާޒަށް ވާސިލްވި އިރު އަނެއް ދެ ރޮކެޓް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ.

Ad
rt

މިއާއެކު، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މެންދަމުން ފެށިގެން އިސްރާއީލުން ދެމުން ދިޔަ ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 85 މީހުން ޝަހީދުވެފައިވެއެވެ.

މި މަރުތަކާއެކު އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ އުތުރު ޣައްޒާގައި ބިމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ގައްޒާގެ ސިއްހީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ އެންމެ ފަހުގެ ހަމަލާތަކުގައި 133 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

އިސްރާއީލުން އަންގާރަ ދުވަހު އަލުން ހަމަލާތައް ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް ކުރެވުނު މަޝްވަރާތައް ކުރިއަށް ނުދިއުމާ ގުޅިގެން ކަމަށް ބުނެފައިވެއެވެ. އަދި ހަމާސްއިން ބާކީ ތިބި ރަހީނުން ދޫކޮށްނުލާހާ ހިނދަކު ހަމަލާތައް ހަރުކަށިކުރަމުން ގެންދާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމާސްއިން އަދިވެސް 59 ރަހީނުން ހިފަހައްޓާފައިވެއެވެ. މީގެ ތެރެއިން 24 މީހުން ދިރިހުރި ކަމަށް ޤަބޫލުކުރެވެއެވެ.