ރަޝިއާއާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަނގަޅު ފުރުސަތެއް މިހާރު އެބައޮތް ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މިގޮތުން އެމެރިކާއިން ހުށަހަޅާފައިވާ 30 ދުވަހުގެ ވަގުތީ ހުއްޓުމަކަށް ޔުކްރެއިނުން އެއްބަސްވެފައިވާ ކަމަށާއި، ރަޝިއާއިން ވަކި ޝަރުތުތަކަކާއެކު މިކަމަށް އެއްބަސްވާނެ ކަމަށް ބުނެފައިވާ ކަމަށް ރައީސް ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވިއެވެ.

Ad
rt

"މިވަގުތު އަޅުގަނޑުމެންނަށް މި ހަނގުރާމަ އަވަހަށް ނިންމައި، ސުލްހަ ޤާއިމްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިފައިވޭ. އަޅުގަނޑުމެންގެ ޔޫރަޕިއަން ބައިވެރިންނާއެކު ރަނގަޅު ސަލާމަތީ އެއްބަސްވުންތަކެއް ވެވިފައިވޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޒެލެންސްކީ އެމެރިކާއާއި އެހެނިހެން ބައިވެރިންނަށް ގޮވާލެއްވީ މޮސްކޯއަށް ޕްރެޝަރ ކުރުމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މިއެއްބަސްވުމަށް ޖަވާބެއް ދިނުމަށް ރަޝިއާގެ ރައީސް ވްލަޑިމިރ ޕުޓިން ކުރެވެން އޮތްހާ ލަހެއް ކުރާނެ ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އެމެރިކާއިން ވަރުގަދަ ޖަވާބެއް ދީފިނަމަ، ކުޅެ ކުޅެ ތިބޭކަށް ރަޝިއާއަކަށް ނުކުރޭނެ، އަދި ހަމަ އެހެންމެ ރަޝިއާ ޖެހެލުންވާފަދަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އެމީހުން މި ޕްރޮސެސް ލަސްކުރާނެ،" ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވިއެވެ.

1,000 ކިލޯމީޓަރަށްވުރެ ދިގު ފްރަންޓްލައިނެއްގައި ހިނގާ ހަނގުރާމަ ކޮންޓްރޯލް ކުރެވޭނީ އެމެރިކާގެ އެހީތެރިކަމާއެކު ސެޓެލައިޓްތަކާއި އިންޓެލިޖެންސް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފްތާގައި ސައުދީ އަރަބިއްޔާގައި އެމެރިކާ އަދި ޔުކްރެއިންގެ އޮފިޝަލުން ބައްދަލުކުރުމަށްފަހު، އެމެރިކާއިން އިންޓެލިޖެންސް ހިއްސާކުރުމާއި އަސްކަރީ އެހީތެރިކަން އަލުން ފަށާފައިވާ ކަމަށާއި، ޔުކްރެއިނުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.