ސިއްޙަތަށް ނުރައްކާވެދާނެ ކަމެއް މެދުވެރިވުން އެކަށީގެންވާތީ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށްފައިވާ މި ކުކިން ސޯސްގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށެވެ. ނަމަވެސް، އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް އެ އިދާރާއަށް ވަނީ އަންގާފައިވެއެވެ. މި ހާލަތުގައި، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނެފައިވަނީ، ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. މި ސަބަބަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، ރާއްޖޭގައި ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފައެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!