ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ހދ. ކުޅުދުއްފުށީ ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި ޚިދުމަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެލެއްވިއެވެ.

Ad
rt

މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ކުޅުދުއްފުށީ ސިޓީގައި ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިއަދު، އެ ސިޓީގެ ޔޫއެސް ޑޮލަރު އޭޓީއެމްއެއް ހުޅުވާފައިވާ ކަމަށެވެ.

މި އިތުރުކުރުމާއެކު، އެ ބޭންކްގެ ކަސްޓަމަރުންނަށް މިހާރު އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ލިބެންހުންނާނެކަމަށް ޤައުމީ ބޭންކުން ބުންޏެވެ.

މިއީ ޤައުމީ ބޭންކުން މާލެއިން ބޭރުގައި ހުޅުވި ތިން ވަނަ ޑޮލަރު އޭޓީއެމެވެ. ފުރަތަމަ މާލެއިން ބޭރުގައި ބެހެއްޓި އޭޓީއެމް ބެހެއްޓީ ކ. މާފުށީގައެވެ. މި އޭޓީއެމް ހުޅުވީ މިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހު 10 ވަނަ ދުވަހުއެވެ. މާލެއިން ބޭރުގައި ދެވަނަ ޑޮަލަރު އޭޓީއެމް ހުޅުވީ 16 ފެބްރުއަރީ 2025 ގައި އައްޑޫ ސިޓީގެ ހިތަދޫގައެވެ.

އޭޓީއެމްގެ ޚިދުމަތަކީ ރާއްޖޭގެ ބޮޑެތި އާބާދީ ތަކުން އަދިވެސް އިންތިޒާރު ކުރަމުން އަންނަ ޚިދުމަތެކެވެ.

މުޅި ރާއްޖެގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ބޭންކިން ވިއުގާގައި، 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި އޭޓީއެމްތަކާއި، ކޭޝް އޭޖެންޓުގެ ހިދުމަތް ހިމެނެއެވެ.