ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

Ad
rt

ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާތަކުން ނުބެހެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރަން އޮންނަ އުސޫލާ ހިލާފަށް އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމަށް ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހުގެ މަޖިލީހުން ފާސްކުރީ އެ ބިލުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ލަފާ ދެއްވާފައި ވަނިކޮށެވެ. އަދި އެ ވަގުތު މަޖިލިސް މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.