ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ނައިވާދޫއަކީ ބޮޑުތިލަދުންމަތީގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށެވެ. އެއީ ބޮޑުތިލަދުންމަތީގެ "ފުޓްސަލް ކިންގް" އެވެ.
ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގައި ހޯދާފައިވާ ކާމިޔާބީތަކުން އެ ޓީމައކީ ފުޓްސަލްގައި ކިހާ ހުނަރުވެރި ޓީމެއްކަން ބުނެދެއެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ހދ.އަތޮޅު ޗެމްޕިއަންކަން 7 ފަހަރު އަދި ޒޯން ޗެމްޕިއަންކަން ތިންފަހަރު މިހާތަނަށް އެ ޓީމުން ވަނީ ހޯދާފައެވެ. މިއީ ތިލަދުންމަތީގެ އެއްވެސް ޓީމަކަށް މިހާތަނަށް ހޯދިފައިނުވާވަރުގެ ކާމިޔާބީއެކެވެ. އެ ޓީމުގެ ތަށި ހަރުގަނޑަށް ހަމައެކަނި މަދުވަނީ މުޅި މުބާރާތުގެ ޝަރަފްވެރި އެއްވަނައެވެ. މުޅި މުބާރާތުގެ ޗެމްޕިއަންކަމެވެ.
ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލުގައި މިރޭ 20:00 ގައި ނައިވާދޫ ނުކުންނާނީ، މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މިއީ މި ދެ ޓީމް ވެސް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ދެފަހަރެއްގެ މަތީން ނައިވާދޫއިން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ.
ނައިވާދޫ ޓީމު ޒޯން 1 ގެ ތައްޓާއެކު، ފޮޓޯ: ފޮޓޯ މޯލްޑިވްސް
މި އަހަރު މުބާރާތް ފެށިގެން ނައިވާދޫއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން އަތޮޅު ފައިނަލުން ޖާގަ ހޯދީ ވެސް އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމުން އަތޮޅު ފައިނަލް ތަށި ހޯދީ ހދ. ނޭކުރެންދޫ ބަލިކޮށްފައެވެ. އަދި ޒޯން ފައިނަލްގައި ވަނީ ހއ. ދިއްދޫ ބަލިކޮށްފައެވެ. ގަދަ 16 ގައި މައްޗަންގޮޅިއާއި ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދި އިރު، ކުއާޓާގައި ވަނީ މަހިބަދޫ ކޮޅަށް ވެސް ގިނަ ލަނޑުތަކެއް ޖަހާފައެވެ. މިމުބާރާތުގެ ފައިނަލަށް އެ ޓީމް ދަތުރުކުރީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ލ.ގަމް އާއި ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.
ނައިވާދޫ ޓީމު، ފޮޓޯ: ފޮޓޯ މޯލްޑިވްސް
ނައިވާދޫ ޓީމަށް ކާމިޔާބީއަށް އެދި ބައެއް ކައުންސިލް ތަކުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ޕޯސްޓްތައްކޮށް އެ ޓީމަށް ހިތްވަރު ދެމުންނެވެ. ނައިވާދޫ ޓީމުން އެދެނީ ވީހާވެސް ގިނަބަޔަކު ފެހިކުލަ ތުރުކުރައްވައިގެން އެ ޓީމަށް ސަޕޯޓް ކޮށްދިނުމަށް ދަނޑަށް އައުމެވެ. އެ ޓީމުން އޮތީ ބޮޑުތިލަދުންމަތި ހެއްވާލަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ފުރިހަމައަށް ތައްޔާރަށެވެ.
"ތިލަދުން" ޓީމްގެ ފަރާތުން ވެސް ނައިވާދޫއަށް ފުރިހަމަ ކާމިޔާބަށް އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!