" ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ." އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ.
" ޒައިނާއަށް ޒައިނާގެ ބައްޕަގެ ޕްރޮޖެކްޓް މުހިއްމު ވިޔަސް އަހަންނަށް، އެއަށް ވުރެ އަހަރެންގެ ކޮއްކޮ މާ މުހިއްމު." ނަދީމް އެހެން ބުނެ، ނިކުންނަން ހިނގައިގަތެވެ.
އޭރު ރުޅި ގަދަވެފައި ހުރި ޒައިނާ، ހުރީ މާ ނޭވާ ލައިލައެވެ.
" ނުދެވޭނެ. ނަދީމްއަކަށް ނުދެވޭނެ." ޒައިނާއަށް ބާރުބާރަށް ބުނެވުނެވެ.
ދާއިންގެ ހާލަތު ރަނގަޅުވާން ފެށުމުން އަރޫޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދާއިންގެ މޫނުމަތިން ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަރޫޝާގެ ހިތަށް ދިރުން ލިބޭ ކަހަލައެވެ.
" އަރޫ ކައިރީ އަސްލު އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން." ދާއިން ބުންޏެވެ.
އެއާއެކު ސުވާލުގެ ނަޒަރަކުން އަރޫޝާއަށް ދާއިންގެ މޫނަށް ބަލައިލެވުނެވެ. ދާއިން ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން އަރޫޝާ ހުރީ ކެތްމަދުވެފައެވެ.
" ހޫމް... ބުނެބަލަ. އަހަރެން މި ހުންނަނީ ދާއިން ވާހަކަ ދައްކާވަރު މަދުކަމުން. " ހެވިފައި އަރޫޝާ ބުންޏެވެ.
" ގޮނޑިން ތެދުވެބަލަ. އަހަރެންގެ މަގަތުގައި އިށީނދެލަބަލަ. " ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާ މަޑުމަޑުން އެނދުގައި އިށީނދެލިއެވެ. ބުރަކަށި ދަށަށް ބާލީހެއް ލައްވާލައިގެން ދާއިން އިނީ ފާރުގައި ލެނގިލައިގެންނެވެ. އަރޫޝާ އިށީނުމާއެކު ދާއިން އަރޫޝާގެ އަތުގައި ހިފާ، ބާަރުކޮށްލިއެވެ.
" އަރޫ... އަހަރެން މި ބުނާ ވާހަކައިން ދެރަ ނުވައްޗޭ." ދާއިން ބުންޏެވެ.
" އަހަރެން ދެރަވާ ވަރުގެ ވާހަކައެއް ދާއިން ނުބުނާނެ." ޔަގީންކަމާއެކު އަރޫޝާ އެހެން ބުނެ، ދާއިންގެ އަތް މަތީގައި އަތް ބާއްވާލިއެވެ.
" އަރޫ ތިހެން ހީކުރިޔަސް، އަހަރެން މި ބުނާ ވާހަކައިން އަރޫ ދެރަވާނެކަން އަހަންނަށް ހަމަ ޔަގީން." ދާއިން ބުންޏެވެ.
" ދެން ބުނެބަލަ. އޭރުން ދޯ އަހަންނަށް ދެރަ ވާން ވެސް އެނގޭނީ." އަރޫޝާ އަދިވެސް ހުރީ ސަމާސާ ކުރާ ކަހަލަ މޫޑެއްގައެވެ.
ނަމަވެސް ދާއިންގެ މޫނުމަތީގައި ހުރި ސީރިއަސްކަން ފެނި، އަރޫޝާ ހިނިގަނޑު މައިތިރިކޮށްލިއެވެ.
" އަރޫ. އެއްވެސް ކަމެއް ފޮރުވަން އަދި ސިއްރުކުރަން ވެސް ބޭނުން ނުވާތީ އަހަރެން މި ވާހަކަ ބުނަން މި އުޅެނީ. އަހަރެންގެ މަގްސަދަކީ އަރޫ ދެރަކުރުމެއް ނޫން. " ދާއިން ބުންޏެވެ.
ދާއިން ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން ކެތްމަދުވެފައި އަރޫޝާ އިނީ ދާއިންގެ މޫނަށް ބަލާށެވެ. މި ފަހަރު އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
" އަރޫ އަހަންނަށް އެ ވާހަކަ ކިޔައިދިން ފަހުން އަހަންނަށް އަރޫއާ މެދު ތަފާތު ގޮތަކަށް ދެކެވެން ފެށި. މި ބުނީ ކުރިން ވީ ލޯބި، އިހްސާސެއް ނުކުރެވެޔޭ. މީގެ ކުރިން އަހަރެން އަރޫ ބަލައިގަތީ އަހަރެންގެ ހިތާ، ޖާނާ ފުރާނައިން. އެކަމަކު އެ ކަންތައް އެނގުނީމަ އަހަންނަށް ވަރަށް އުނދަގޫވާން ފެށި. އަރޫއަކީ ވަރަށް ދުރު މީހެއްގެ ގޮތުގައި ދެކެވެން ފެށި." ދާއިން ބުންޏެވެ.
ދާއިންގެ ވާހަކަ އެ ހިސާބަށް ދިޔައިރު އަރޫޝާ ފެންކަޅި ވެއްޖެއެވެ. ނަމަވެސް ގަދަކަމުން އޭނާ ހިނިތުންވާން މަސައްކަތް ކުރަމުން ދާތަން ދާއިންއަށް ފެނުނެވެ.
" އަހަރެން ބުނީމެއްނު އަހަރެން މި ވާހަކަ ފަށާއިރަށް އަރޫ ވަރަށް ދެރަވާނެޔޭ. " ދާއިން ބުންޏެވެ.
އެ ވަގުތު ނޭފަތް ދަމާލަމުން އަރޫޝާ ހިނިތުންވެލިއެވެ.
" ދެން... ދާއިންއަށް ހީވޭތަ އަހަންނާ މެރީކޮށްގެން ދާއިންއަށް އުފަލެއް ލިބިދާނެހެން. ހީވޭތަ އަހަންނާއެކު ލޯބިން އުޅެވިދާނެހެން." އަރޫޝާ އަހާލީ އިސްޖަހާލަމުންނެވެ.
" ދެން ނެއްތަ އިތުރު ސުވާލެއް؟" ދާއިން އެހިއެވެ.
އިސްޖަހައިގެން އިނދެ އަރޫޝާ ބޯ ޖަހާލިއެވެ. އެ ވަގުތު ދާއިން ކުރިއަށް ވުރެ ބާރަށް އަރޫޝާގެ އަތަށް ފިތާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެ ވާހަކަތައް އަރޫ ކިޔައިދިން ދުވަސްކޮޅު އަހަރެންގެ އިހްސާސްތައް ހުރި ގޮތަކީ އެއީ. އެކަމަކު މިހާރު އަހަންނަށް ވަރަށް ރަނގަޅަށް ގަބޫލު ކުރެވޭ އެއްކަމެއް އެބައޮތް. " ދާއިން ބުންޏެވެ.
އަރޫޝާއަށް ދާއިންގެ މޫނަށް އެ ވަގުތު ބަލައިލެވުނެވެ. ދާއިން ބުނަން އުޅޭ އެއްޗެއް އަޑުއަހާ ހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.
" އަރޫގެ ހިތަކީ ހަމައެކަނި އަހަރެންގެ މިލްކެއްކަން. އަރޫގެ ފަރާތުން ލޯބި ލިބޭނީ ވެސް ހަމައެކަނި އަހަންނަށްކަން. އަދި އަރޫ އެންމެ ލޯބިވަނީ ވެސް ހަމަ އަހަރެންދެކެކަން. އަދި އަހަންނަށްޓަކައި އަރޫގެ ދިރިއުޅުން ގުރުބާން ވެސް ކޮށްފާނެކަން." ދާއިން ބުންޏެވެ.
އެ އާއެކު އަރޫޝާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އޭނާއަށް އިނދެވުނީ އަނގައިން ބަހެއް ބުނުމެއްނެތި ދާއިންގެ މޫނަށް ބަލާށެވެ.
" އަހަރެންގެ ހާލަތު އަރޫއަށް ރަނގަޅަށް އެނގި ހުރެ، އަރޫ އަހަރެންގެ އަތުގައި ތި ހިފީ އަހަރެންދެކެ ހާދަ ލޯބިވާތީއޭ. އަރޫގެ ކުރިމަތީގައި އަހަންނަކީ ކުށްވެރިއެއް. އަހަންނަކީ އަރޫއަށް އެކަށީގެންވާ މީހެއް ނޫން. ތިއީ އެއަށްވުރެ މާ މާތް ކުއްޖެއް. އަހަންނަށްޓަކައި އަރޫގެ ދިރިއުޅުން ހަލާކުކޮށްނުލާ! އަރޫއަށް އަހަންނާއެކު އުފަލަކު ނޫޅެވޭނެ." ދާއިންގެ އަޑުގައި ހުރި ތުރުތުރުލުން އަރޫޝާއަށް ފާހަގަ ކުރެވުނެވެ. ދާއިންއަށް އަސަރުކޮށްފައިވާ މިންވަރު ވެސް އޭނާއަށް އެ ވަގުތު ދެނެގަނެވުނެވެ.
ފުންމައިގެން ތެދުވެ އަރޫޝާ ހުއްޓުނީ ދާއިންއާ ދާދި ގާތުގައެވެ. އަދި ދާއިންގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން، އޭނާ ދާއިންއަށް ބަލައިލީ ކަންބޮޑުވެ ހުރެއެވެ.
" ކާކު ބުނީ؟ ދާއިންއަށް ކިހިނެއް އެނގުނީ؟" އަރޫޝާ އެހިއެވެ.
ދާއިންގެ ހާލަތު ، ކައިވެނީގެ ކުރިން ދާއިންއަށް ކިޔައިދޭކަށް އޭނާ ފަހަރެއްގައި ވެސް ބޭނުމެއް ނުވެއެވެ.
" ޑޮކްޓަރު. އަރޫ ރޫމަށް ދިޔަ ވަގުތު ޑޮކްޓަރު ދުރުވީ." ދާއިން އެހެން ބުނި އިރު އޭނާގެ ދެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. އަވަސް އަވަހަށް އަރޫޝާއަށް ދާއިންގެ މޫނު، އޭނާގެ މޭގައި ޖައްސާލެވުނެވެ.
" ދާއިން. އަހަރެން ދާއިންދެކެ ލޯބިވާވަރު ދާއިންއަކަށް އަދިވެސް ނޭނގޭނެ. މި ވަރުން ދެން ދާއިން ގަބޫލު ކުރޭ. ދެ ވަނަ ފަހަރަށް ދާއިން އަހަރެންގެ އަތުން ބީވާކަށް ބޭނުމެއް ނޫން. ޕްލީޒް އަހަރެން ދުރު ނުކުރޭ. ދާއިންއާ ނުލައި އަހަރެންގެ ހަޔާތް ދުވަހަކު ވެސް އުފާވެރިއެއް ނުވާނެ." އަރޫޝާ ބުންޏެވެ.
ކުޑަ ވަގުތުކޮޅަކަށް ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ގިސްލަގިސްލާފައި ދެ މީހުން ވެސް ރޮމުން ދިޔައެވެ.
" އަހަންނަކީ ހަމައެކަނި ދާއިންގެ މީހެކޭ. ދާއިން ނޫން ކާކުތަ އަހަރެންގެ ހުރީ؟ ކީއްވެތަ އަހަރެން ދުރުކުރަން ތި އުޅެނީ؟ ދެން ތި ކަހަލަ ވާހަކަ ނުދައްކާތި. އަހަރެން މާ ދެރަވާނެ." އަރޫޝާ ބުންޏެވެ.
ދާއިންގެ ދެ ލޮލުން ފައިބަމުންދާ ކަރުނަތައް އޭނާ ފުހެލަދިނީ ހިނިތުންވެލަމުންނެވެ. އެއާއެކު ދާއިން މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އޭނާ އަރޫޝާގެ ގައިގައި ބޯ ޖައްސާލަމުން އުނަގަނޑުގައި ބައްދާލިއެވެ. ދާއިންގެ ބޮލުގައި ފިރުމާލަ ފިރުމާލާ އަރޫޝާ ހުރީ ލުއި ހިނިތުންވުމެއްގައެވެ.
ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި ބޯޓު ޖެއްސުމާއެކު ނަދީމް ފޯނު ހުޅުވާލިއެވެ. އެ ވަގުތު ފުލުފުލުން ޒައިނާގެ މެސެޖްތައް އޭނާއަށް ލިބިއްޖެއެވެ. އެއާއެކު ނަދީމްގެ ތުންފަތްމަތީގައި ކެހިވެރިކަމުގެ ހިނިތުންވުން ކުޅެލައިފިއެވެ. ކުއްލިއަކަށް ޒައިނާގެ ކޯލް އަތުވެއްޖެއެވެ. އެ ކޯލް އެ ވަގުތު އަންނާނެކަން ނަދީމްއަށް ރަނގަޅަށް އެނގެއެވެ.
" ފިލައިގެން ދިޔައީތަ؟ ކަލޭ ހީ ނުކުރައްޗޭ ތިހެން އަހަރެމެންނާ ކުޅެވޭނެ ކަމަށް. " ޒައިނާ އެއްޗެހި ކިޔަން ފެށީ ކަރު ބުޑުންނެވެ.
" އަލަމާރީގައި އަހަރެން ލިޔެފައި އޮތް ނޯޓް ކިޔާލައްޗޭ. " ނަދީމް އެހެން ބުނެ ފޯނު ކަނޑާލިއެވެ. ޒައިނާ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އޭނާ އަޑެއް ނޭހިއެވެ.
އެނދުމައްޗަށް ފޯނު ހޫރާލުމަށްފަހު ޒައިނާ ގޮސް، އަލަމާރި ހުޅުވާލިއެވެ.އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ފަތްޖަހާފައި އޮތް ކަރުދާހެކެވެ. އަވަސް އަވަހަށް އެ ކަރުދާސް ހުޅުވައި، އެއަށް ލޯ ހިންގަން ފެށި އިރު ވެސް އޭނާގެ ލޭ ކެކެމުން ދެއެވެ.
" ޒައިނާގެ ބައްޕަމެންގެ ރޭވުން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް މުސާރަ ދޭނަމޭ ކިޔައިގެން އޮޅުވާލައިގެން އުޅޭކަން ވެސް އަހަންނަށް އެނގޭ. ޒައިނާގެ ބައްޕަ ބޭނުންވަނީ އަހަރެން ލައްވާ، އޭނާގެ ޕްރޮޖެކްޓްތައް ނިންމުވަން. މިލިއަނުން އޭނާއަށް ފައިސާ ލިބޭއިރު އަހަންނަށް އެންމެ ރުފިޔާއެއް ދޭކަށް ވެސް އޭނާ ބޭނުން ނުވާކަން އަހަންނަށް އެނގޭ. އެ ހުރިހާ ކަމެއް ޒައިނާއަށް ވެސް ރަނގަޅަށް އެނގޭކަން ވެސް އަހަންނަށް އެނގޭ. ތިއީ މަކަރުވެރިއެއް. ތި ވަރުގެ އަންހެނަކާ ކައިވެނި ކުރެވުނީތީ އަހަރެން އަމިއްލަ ނަފްސުދެކެ ވެސް ލަދުގަނޭ. އަހަރެން ދެން ދުވަހަކު ވެސް ޒައިނާ ބޭނުމެއް ނޫން. މިހާރު ޒައިނާއަކީ އަހަރެންގެ އަނތްބެއް ނޫން. ތި ހުރީ މިނިވަންކޮށްފައި. އަހަންނަށް ދެން އުނދަގޫ ނުކުރާތި." ނޯޓް ކިޔާ ނިމުނު އިރު ޒައިނާ ހުރީ ކުރިއަށް ވުރެ ބޮޑަށް ރުޅި ގަދަވެފައެވެ. އޭރު އޭނާ ތުރުތުރު އަޅައެވެ.
ފަޔަށް ބާރު ލައިފައި ޒައިނާ ދުއްވައިގަތީ ހަޅޭއްލަވަމުންނެވެ. ސިޑިން ފައިބައިގެން ގޮސް މަންމަގެ ކޮޓަރި ދޮރު ހުޅުވާލީ އެހާމެ ބާރަށެވެ.
" ކަލޭމެން ދެ މީހުންގެ ރޭވުމުގެ ނަތީޖާ މި އޮތީ. އޭރު ވެސް އަހަރެން ބުނިން ނަދީމްއަށް އެހެން ނަހަދާށޭ. އެކަން އަހަރެން ސިއްރުކުރީ ކަލޭމެން ދެ މީހުންނަށްޓަކައި. ކަލޭމެން ދެކެ އޭނަ ރުޅި އައިސްދާނެތީ. އެކަމަކު އެ ހުރިހާކަމެއް އޭނައަށް އެނގޭ. " އަތުގައި އޮތް ކަރުދާސް ހޫރާލުމަށްފަހު ޒައިނާ ބުންޏެވެ.
އޭރު ދެ ލޯ ބޮޑުކޮށްގެން މަހުދީއާއި ޒުހުދާ ތިބީ ހައިރާންވެފައެވެ.
" އޭނަ އެ ދިޔައީ އަހަރެން ވަރިކޮށްފައި. އަހަރެން ވަރިކޮށްފި." ޒައިނާ ހުރިތަނަށް ތިރި ވަމުން ބުންޏެވެ.
އެއާއެކު ސިހިފައި މަހުދީއަށް ބަލައިލެވުނީ ޒުހުދާގެ މޫނަށެވެ. އޭރު ޒުހުދާ ވެސް ހުރީ ހަދާނެ ގޮތް ހުސްވެފައި ކަހަލަ ގޮތަކަށެވެ.
މަހުދީ އޭނާގެ ޖީބުން ފޯނު ނަގައި ނަދީމްއަށް ގުޅަން އުޅުނު ވަގުތު، ދުވެފައި އައިސް ޒައިނާ އެ ފޯނު ޖަހައިގަތެވެ. އަދި ފޯނު ދުރަށް ހޫރާލަމުން ހަޅޭއްލަވައިގަތީ ކަރު ބުޑުންނެވެ.
" ނުވާނެ ގުޅައިގެން. މި ބުނީނު ނުގުޅާށޭ. ތި ދެ މީހުންނާ ހެދި އޭނަ އެ ދިޔައީ. ހަމަ ތި ދެ މީހުންނާ ހެދި. އަހަރެން ތި ދެ މީހުންނަށް ދުވަހަކު ވެސް މަޢާފެއް ނުކުރާނަން." ޒައިނާ އެހެން ބުނެ ދުވެފައި ނިކުމެއްޖެއެވެ.
ޒައިނާގެ ފަހަތުން ޒުހުދާ ދުއްވައި ގަތް ނަމަވެސް އޭނާ ހިފެހެއްޓީ މަހުދީއެވެ.
" މި ވަގުތު އެއްވެސް އެއްޗެއް އޭނައަކަށް ނުވިސްނޭނެ. އެންމެ ރަނގަޅުވާނީ ހަމައަކަށް އެޅެން ދެން ބެހެއްޓިއްޔާ." މަހުދީ ބުނެލިއެވެ.
" އެކަމަކު... އެ މަންޖެ އަމިއްލައަށް ހަށިގަނޑަށް ގެއްލުމެއް ވެސް ދީފާނެޔޭ." ރޮވިފައި ހުރެ ޒުހުދާ ބުންޏެވެ.
" ނުކެރޭނެ. އެ ވަރު ކުރާކަށް ނުކެރޭނެ. " ޔަގީންކަމާއެކު މަހުދީ ބުންޏެވެ.
" އަހަރެންގެ ޕްރޮޖެކްޓް އަހަންނަށް ވަރަށް މުހިއްމު. ނަދީމް އެވަރުގެ ބޮޑު ލަނޑެއްދީފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. " ރުޅި ގަދަވެފައި މަހުދީ ބުންޏެވެ.
އެއާއެކު ޒުހުދާ، މަހުދީގެ އަތް ފޮޅުވާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަދިވެސް ތި ވިސްނަނީ ވިޔަފާރިއާމެދުގައިތަ؟ ތިމާގެ ދަރިއަށް ވެފައި ހުރި ވަރު ލޯމަތިން ފެނުނީމަ ވެސް މަހުދީ ތި ހުރީ ވިޔަފާރިއާމެދު ގޮތް ހުސްވެފައި." ޒުހުދާ ބުންޏެވެ.
" އަދިވެސް މަށަށް އެއްޗެހި ކިޔާ. އެނގޭތަ އެ ޕްރޮޖެކްޓް ނުނިމުނިއްޔާ މިލިއަނުން އަހަރެން ދަރަނިވެރިވާނެކަން. މި ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އަހަންނަށް އެކަމުން ސަލާމަތެއް ނުވެވޭނެ." މަހުދީ ބުނެލީ ބާރު ބާރަށެވެ.
އެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތި ޒުހުދާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް މަހުދީ ހުރީ ހުރި ފިޔަވަޅު މަތީގައެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!