" އަދިވެސް މަށަށް އެއްޗެހި ކިޔާ. އެނގޭތަ އެ ޕްރޮޖެކްޓް ނުނިމުނިއްޔާ މިލިއަނުން އަހަރެން ދަރަނިވެރިވާނެކަން. މި ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އަހަންނަށް އެކަމުން ސަލާމަތެއް ނުވެވޭނެ." މަހުދީ ބުނެލީ ބާރު ބާރަށެވެ.
އެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތި ޒުހުދާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް މަހުދީ ހުރީ ހުރި ފިޔަވަޅު މަތީގައެވެ.
" ދަރިފުޅު އާދޭ ރަށަށް. ބައްޕަ ބޭނުމެއް ނުވޭ ދަރިފުޅު ރާއްޖެ އައި ވާހަކަ ދާއިން އަދި އަރޫޝާއަށް ވެސް އަންގާކަށް. އެ މީހުންނާ ބައްދަލްކުރަން ހޮސްޕިޓަލަށް ދާނެ ކަމެއް ނެތް." ރިޒާ ބުންޏެވެ.
ބައްޕަގެ ވާހަކައިން ނަދީމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
" އެކަމަކު ކޮއްކޮ އެހާ ބަލި އިރު އަހަރެން ބޭނުން ބައްދަލް ކުރަން. ބައްޕަ ބުނެބަލަ ދާއިން އޮތީ ކޮން ހޮސްޕިޓަލެއްގައިތަ؟" ނަދީމް އެހިއެވެ.
" ދަރިފުޅާ! މި ވަގުތު ދަރިފުޅު އައި.ޖީ.އެމް.އެޗަށް ދާނެ ކަމެއް ނެތް. ބައްޕަ މި ބުނީއެއްނު ދަރިފުޅު އަންނާށޭ ރަށަށް." ރިޒާ ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ.
" އަރޫޝާއާއި ދާއިންގެ ކައިވެނި ހަމަޖެހިފައި އޮތީމަަ ދޯ އެހާވަރުން އަހަރެން އެ މީހުން ކައިރިއަށް ނުފޮނުވަން ތި އުޅެނީ؟ ބައްޕާ! ކޮންމެ ގޮތެއް ވިޔަސް އަހަރެން ކައިވެނި ރުޖޫޢު ކުރަން ބޭނުން ވަންޏާ އަރޫޝާ ވެސް އަހަންނާއެކު އުޅެން ބޭނުންވާނެ. ދާއިން ވެސް އަސްލު ބޭނުމެއް ނުވާނެ އަހަރެން އިނދެ ވަރިކުރި މީހަކާ ކައިވެނި ކުރާކަށެއް. ތިއީ އޭނައަށް ވެސް ދެވޭ ކިހާ ބޮޑު ދެރައެއް؟ އަރޫޝާއަށް ދެރައެއް ނުދޭން ވެގެން ކަންނޭނގެ ކޮއްކޮ އޭނާއާ ކައިވެނި ކުރަން ބޭނުންވީ. " ނަދީމް ބޭނުން ވީ ރިޒާއަށް ވިސްނައިދޭށެވެ.
" ދަރިފުޅާ ނަދީމް. ފުރަތަމަ ދަރިފުޅު އަރޫޝާއާމެދު ކަންތައް ކުރި ގޮތް ހަނދާން ކޮށްބަލަ. ޒައިނާމެންގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައި އެ ފަކީރު ވަރިކޮށްލި އިރު އޭނަ އިނީ ބަލިވެއޭ. " ރިޒާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
އެއާއެކު ނަދީމްއަށް ތެޅިގަނެވުނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ފައިބުޑަށް ވައްޓާލެވުނެވެ.
" ކީ... ކީކޭ ބައްޕާ؟ އަރޫޝާ ބަނޑުބޮޑޭ؟ އަހަރެން ބައްޕައަކަށް ވަނީތަ؟" ނަދީމްގެ ލޮލުން އެ ވަގުތު ކަރުނަ ފާއްދާލައިފިއެވެ.
އިތުރަށް ރިޒާ ދައްކާ ވާހަކަ އަޑުއަހާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ނަދީމްއަށް ރިޒާ ގޮވަގޮވާ ހުއްޓާ، ފޯނު ކަނޑާލުމަށްފަހު ނަދީމް ދެ ލޮލުން ކަރުނަ ފުހެލިއެވެ. އަދި ފައިބުޑަށް ވެއްޓިފައި އޮތް ދަބަސް ނަގައި އެއް ކޮނޑުގައި އަޅުވާލުމަށްފަހު ކާރަކަށް އަތް ނެގިއެވެ.
ނަދީމް ހޮސްޕިޓަލަށް ދާނެކަން ޔަގީން ވާތީ، އެ ހަބަރު ދިނުމަށްޓަކައި ރިޒާ އެތައް ފަހަރަކު އަރޫޝާއާއި ދާއިންއަށް ގުޅިއެވެ. ނަމަވެސް ވަގުތަކީ ދެ މީހުންނަށް ވެސް ނިދިފައި ތިބި ވަގުތެވެ. ދާއިންގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިން އަރޫޝާއަށް ވެސް ނިދުނީ ހަމަ ދާދި ދެންމެއަކުއެވެ. އޭނާ އޮތީ އެނދުގައި ބޯ އަޅާލައިގެންނެވެ. ރޭގަނޑުގެ ނިދި، ހަމައަށް ނުލިބޭތީ އަރޫޝާ ހުންނަނީ އަބަދު ވެސް ނިންޖަށް ބަލިވެފައެވެ. އެހެންކަމުން، ނިދޭ ކޮންމެ ފަހަރަކު އޭނާއަށް ވަރަށް ގަދައަށް ނިދެއެވެ.
ކުއްލިއަަކަށް އަރޫޝާއަށް ލޯ ހުޅުވާލެވުނީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. އެއާއެކު ދާދި ކައިރިން އޭނާއަށް ފެނުނީ ނަދީމްގެ މޫނެވެ. ނަދީމް އިނީ އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންނެވެ. ސިހިފައި އަރޫޝާއަށް ބޯ ހިއްލާލެވުނީ ޔަގީން ނުވާ ހާލުގައެވެ. ދެ އަތުން އިސްތަށިގަނޑު ރީތި ކޮށްލަމުން އޭނާ ނަދީމްއަށް ބަލަމުން ދިޔައީ ހައިރާންކަމާއެކުގައެވެ.
ކުއްލިއަކަށް އެ ފަދަ ގޮތަކަށް ނަދީމް ފެނުމުން އަރޫޝާގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވެއްޖެއެވެ. އޭނާއަށް ދާއިންގެ މޫނަށް ބަލައިލެވުނީ ފިކުރު ބޮޑުވެފައި އިނދެއެވެ. އޭރު ވެސް ދާއިން އޮތީ އަރާމު ނިންޖަކުން ނިދާފައެވެ.
" އަހަރެންދެކެ ރުޅި އައިސްފައިތަ؟" ނަދީމް ސުވާލު ކުރިއެވެ.
ނަދީމްއަށް އެ ސުވާލު ކުރަން ކެރުނީތީ ވެސް އަރޫޝާ އިނީ ހައިރާން ވެފައެވެ. ކަޅިޖަހައިނުލާ އޭނާއަށް ނަދީމްގެ މޫނަށް ބަލަން އިނދެވުނީއެވެ.
" އަހަރެން މިއައީ އޭ. މިހާރު އަހަންނަކީ ހަމައެކަނި އަރޫގެ މީހެކޭ. އަހަރެން މި އައީ ޒައިނާ ވަރިކޮށްފައި. " ހެވިފައި ހުރެ ނަދީމް ބުންޏެވެ.
ބުނާނެ އެއްޗެއް ނޭނގުނުތާ، އަރޫޝާގެ ހިތަކަށް ހަމަ އެއްވެސް އެއްޗެއް ނޭރިއެވެ. ނެގިމަޑުވެފައި އޭނާއަށް އިނދެވުނީއެވެ. ކުއްލިއަކަށް ނަދީމް އަރޫޝާގެ ދެ ކަކުލުގައި އަތް ޖައްސާލިއެވެ. އަދި އިސްއުފުލައިގެން އިނދެ އަރޫޝާގެ މޫނަށް ބަލަމުން ދިޔައެވެ. އެކަން ވެގެން ދިޔައީ އަރޫޝާ ހިތްހަމަ ޖެހޭ ކަމަކަށް ނޫނެވެ. އަރޫޝާ ތެދުވަން މަސައްކަތް ކުރުމާއެކު ނަދީމް ވެސް އަވަސް އަވަހަށް ތެދުވެއްޖެއެވެ.
އަރޫޝާ ތެދުވެގެން ހިނގައިގަތީ އެނދާއި ދުރަށެވެ. ފަހަތުން ނަދީމް ވެސް ދިޔައެވެ.
" އަރޫ. ސޮރީއޭ. އަހަންނަށް އަރޫ ދޫކޮށްލެވުމަކީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް. އަރޫ އަދިވެސް ތި ހުރީ އެކަން އަހަންނަށް ސިއްރު ކޮށްގެން ދޯ؟" ނަދީމް ބުނެލީ ނުހަނު ލޯބިވެތި ރާގަކަށެވެ.
ނަދީމް އެ ބުނި އެއްޗެއްގެ މާނަ ނޭނގިގެން އަރޫޝާއަށް ނަދީމްގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. ނަދީމްގެ މޫނުމަތިން އެހާ ބޮޑު އުފާވެރިކަމެއް ފެންނަން ޖެހޭ ސަބަބެއް ވެސް އަރޫޝާއަކަށް ނޭނގުނެވެ.
މަޑުމަޑުން އައިސް ނަދީމް އަރޫޝާގެ ފަުރަގަހުގައި ހުއްޓި ފަހަތުން އޭނާގެ ގައިގައި ބައްދާލިއެވެ. ތެޅިގަނެފައި އަރޫޝާ ދުރަށް ޖެހިލި އިރު، ދާއިން ލޯ ހުޅުވައިގެން އޮތްތަން އަރޫޝާއަށް ފެނުނެވެ.
" ކިހިނެއްވީ؟ އަރޫއަކީ އަދިވެސް އަހަރެންގެ މީހެކޭ." ނަދީމް ބުންޏެވެ.
އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުރިތަން ފެނި، ނަދީމް އަވަސް އަވަހަށް ދާއިންއަށް ބަލައިލިއެވެ. އެއާއެކު ދާއިން ހޭލައިގެން އޮތްތަން ފެނި، ނަދީމް އެ ދިމާލަށް ހިނގައިގަތެވެ.
" ދާއިން. ކިހިނެއް މިހާރު؟ރަނގަޅުތަ؟" ނަދީމް އަހާލިއެވެ.
އެއާއެކު ދާއިން މަޑުމަޑުން ބޯ ޖަހާލިއެވެ. އޭރު އަރޫޝާ އައިސް ދާއިންގެ އެނދު ކައިރީގައި ހުއްޓިއްޖެއެވެ. މާޔޫސްކަމާއެކު އަރޫޝާގެ މޫނަށް ދާއިން ބަލައިލުމުން އަރޫޝާ އިންތިހާއަށް ދެރަވިއެވެ. އެއްވެސް ހާލެއްގައި ދާޢިން ދެރަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
" ކޮއްކޯ. ނަދީމްބެއަށް ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން." ނަދީމް ބުންޏެވެ.
އޭނާ ހުރީ ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ. އޭރު ވެސް އިރުއިރުކޮޅުން އޭނާ އަރޫޝާއަށް ބަލާކަން ދާއިންއަށް ފާހަގަ ކުރެވެއެވެ.
" ބައްޕަ ބުނި ދާއިން، އަރޫއާ އިންނަން ބޭނުންވި ވާހަކަ. އަސްލު ނަދީމްބެ ވިސްނައިނުލާ އަރޫއާމެދު އެ ގޮތަށް ކަންތައް ކުރެވުނީ. ނަދީމްބެއަށް އެނގޭ އަރޫއަށް ލިބިދާނެ ނިކަމެތި ކަމަކަށްޓަކައިކަން ކޮއްކޮ އަރޫއާ އިންނަން އުޅުނީ. މަންމަގެ ދުނިޔޭގައި ވެސް އަރޫއަށް ދެރަގޮތެއް ނެހެދުމަށް ވަސިއްޔަތްކުރޭ އަބަދުވެސް. " ނަދީމް ބުންޏެވެ.
އޭނާގެ ވާހަކަތަކުން ދާއިންގެ އިތުރުން އަރޫޝާއަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާގެ ވާހަކައިގެ މިސްރާބު ހުރި ގޮތުން އެ ދެ ހިތަށް ބިރުވެރިކަން ވަދެ، ފުރިއްޖެއެވެ.
" އެކަމަކު މިހާރު ދެން އެކަމާ ކޮއްކޮ ވިސްނާނެ ކަމެއް ނެތް. ނަދީމްބެ މި އައީ ޒައިނާ ދޫކޮށްލާފައި. ނަދީމްބެ މިހާރު ބޭނުންވަނީ އަރޫޝާއާއެކު ރީތި ދިރިއުޅުމެއް އުޅެން. އަދިވެސް އަހަރެމެންގެ ކައިވެނި ރުޖޫޢަ ކުރެވޭނެއެއްނު." ނަދީމް އަރޫޝާއަށް ބަލައިލަމުން ބުނެލިއެވެ.
އޭރުވެސް އަރޫޝާގެ މޫނުމަތީގައި ހައިރާންކަން ފިޔަވައި އިތުރު އެއްވެސް ކުލަވަރެއް ނެތެވެ. ނަދީމްގެ ވާހަކަތަކުން އޭނާގެ ހިތަށް ލޮޅުން އަރަމުން ދާ ކަހަލައެވެ. ދާއިން ވެސް އޮތީ ހަމަ އެ ހާލުގައެވެ.
ކުއްލިއަކަށް ނަދީމް މަޑުމަޑުން ހިނގައިގަތީ އަރޫޝާއާ ދިމާލަށެވެ. އެ ވަގުތު އަރޫޝާގެ ނޭވާ އަވަސް ވާން ފެށިއެވެ. ނަދީމް ގޮސް އަރޫޝާގެ އަތުގައި ހިފައި، މަޑުމަޑުން ފިރުމާލިއެވެ. އެ ވަގުތު އަރޫޝާއަށް ބަލައިލެވުނީ ދާއިންގެ މޫނަށެވެ.
" އެހެން ނޫނަސް... އެހެން ނޫނަސް އަހަރެން އަރޫ ވަރިކުރި އިރު ނޭނގެ އަރޫ ބަނޑުބޮޑުކަމެއް. އެކަން މި އިނގުނީ ދެންމެ ބައްޕަ ބުނީމަ. ދެން އަމުދުން އަހަރެން ބޭނުމެއް ނޫން އަރޫ ވަރިކުރާކަށް. އަހަރެން، އަހަރެންގެ ދަރިފުޅު ބޭނުން." ނަދީމް އެހެން ބުނެ، އަރޫޝާގެ ބަނޑުގައި ފިރުމާލެވޭތޯ އަތް ތިރިކޮށްލިއެވެ.
ނަމަވެސް ނަދީމްގެ އަތުން އަތް ދަމައިގަންނަމުން، އަރޫޝާ ވަގުތުން ފަހަތަށް ޖެހިލިއެވެ. އޭރު އަރޫޝާ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ. އަރޫޝާގެ އެ އަމަލުތަކުން ނަދީމްއަށް ލިބުނީ ކުއްލި ޝޮކެކެވެ.
ދާއިން ވެސް މަޑުމަޑުން ތެދުވެ، އެނދުގައި އިށީނދެލީ އަރޫޝާއަށް ބަލަމުންނެވެ.
" އަހަރެންގެ ބަނޑުގައި ނަދީމްގެ ދަރިޔަކު ނެތޭ. " ދަތްތައް ފިއްތާފައި އަރޫޝާ ބުނެލީ ރުންކުރު ގޮތަކަށެވެ.
އެއާއެކު ނަދީމްއަށް ލިބުނު ހައިރާންކަންވީ ބޮޑެވެ.
" އާނ. އެ ދަރިފުޅު ބައިގެން ދިޔައީ. މިހާރު ނަދީމްއާއެކު އަހަރެން އުޅެން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. " އަރޫޝާ ބުންޏެވެ.
ނަދީމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ފުރައިގެން ގޮސް، އަހަންނަށް ނުވެސް އެނގި އަހަރެން ވަރިކޮށްލީ. އޭގެ ފަހުން ވެސް އެއްވެސް ހަބަރެއް ނުވެ. ދެން އަނެއްކާ ނަދީމް އެނބުރި އައީމަ ނަދީމް ހީކުރީ އަހަރެން އުފަލުން ނަދީމްއަށް މަރުހަބާ ކިޔާނެ ކަމަށްތަ؟ އެ ދަރިފުޅު ސަލާމަތުން އަހަރެންގެ ބަނޑުގައި އޮތް ނަމަވެސް، އަހަރެން މިއަދު ނަދީމްގެ އަނތްބަކަށް ވާކަށް ނެތީމުސް. މި ކައިވެނި ރުޖޫޢަ ކުރާކަށް އަހަރެން ބޭނުމެއް ނޫން." އަރޫޝާ ވާހަކަ ދެއްކީ ބާރަށެވެ.
އެ ވަގުތު ނަދީމްއަށް ބަލައިލެވުނީ ދާއިންގެ މޫނަށެވެ.
" ކީއްކުރަން ދާއިންއަށް ތި ބަލަނީ؟ އޭނ؟ އަހަރެންގެ ދިރިއުޅުމާމެދު ގޮތް ނިންމާނީ ދާއިންއެއް ނޫނޭ. އަދި ނަދީމެއް ވެސް ނޫން. އަހަރެންގެ ދިރިއުޅޭނީ އަހަރެން ބޭނުންވާ ގޮތަށް. އެންމެ އެކަނިވެރިވީ ދުވަހު އަހަރެންގެ އަތުގައި ހިފީ ދާއިން. އަހަރެން ބޭނުންވަނީ ދާއިންއާ ކައިވެނި ކުރަން." އަރޫޝާ ބުންޏެވެ.
އެ ވަގުތު ނަދީމް ދެ ޖީބަށް އަތް ޖަހާލިއެވެ. އަދި ތަންކޮޅެއް ބާރަށް ހީގަތެވެ. އެއާއެކު އަރޫޝާއާއި ދާއިންއަށް ލިބުނީ މާ ބޮޑު ހައިރާންކަމެކެވެ.
" ބައްޕަ ބުނި ދާއިން ބަލި ވާހަކަ. މީހަކާ އިނދެގެން އުޅެން އުނދަގޫވާ ކަހަލަ ބައްޔެއް ކަންނޭނގެ ކީ. ދެން އަރޫޝާއަށް ދާއިންއާ އިނދެގެން ލިބޭނީ ކޮން އުފަލެއް؟" މަލާމާތުގެ ރާގަކަށް ނަދީމް ބުނެލިއެވެ.
ނަދީމް އެހެން ބުނުމުން ދާއިން އިންތިހާއަށް ހިތުގައި ޖެހުނެވެ. ނަމަވެސް އަދިވެސް އޭނާ އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ.
" އޭނަގެ ބޭބެގެ ދަރިޔަކަށް އަހަރެން ބަލިވެ އިންކަން އެނގުމުން ވެސް އޭނަ އަހަރެން ދޫކޮށެއް ނުލައޭ. އޭނަ ހުރީ އެ ދަރިފުޅާއެކު ވެސް އަހަރެން ގޮވައިގެން އުޅެން ތައްޔާރަށް. ވީ އިރު މިއަދު އަހަރެން ދާއިން ދޫކޮށްލަން ވީ ކީއްވެ؟ މި ކަމަށް އިތުރަށް އަހަރެން އެއްވެސް ބަހުސްއެއް ކުރާކަށް ބޭނުމެއް ނޫން. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ." އަރޫޝާ ބުންޏެވެ.
އެއާއެކު ނަދީމް ދެ ކޮނޑު ހިއްލާލިއެވެ. އަދި މަޑުމަޑުން ގޮސް ދާއިންގެ ކައިރީގައި ހުއްޓުނެވެ.
" އަނެއްކާ ތި ދެ މީހުން ކައިވެނި ކުރާހިތުން އަހަރެންގެ ދަރިފުޅު މަރާލީތަ؟" ނަދީމް އެހީ ސިއްރުންނެވެ.
އެއާއެކު ދާއިންއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
" ނަދީމްބެ. އަހަންނަކީ އެހާ ރަހުމު ކުޑަ މީހެއް ނޫނޭ. އަހަރެމެންގެ ބޮލުގައި ތި ކަހަލަ ތުހުމަތު ނާޅުވާ." ދާއިން ބުނެލީ ވަރުދެރަވެފައިވާ އަޑަކުންނެވެ.
" ނަދީމް މި ތަނުން ދިޔައްޔާ އަހަންނަށް ވަރަށް ރަނގަޅު. އިތުރަށް މިތާ ހަމަނުޖެހުން އުފައްދަން ނޫޅޭ. ތިކަހަލަ ކަމަކަށް ނަދީމްއަށް ޝައްކުވަންޏާ ޑޮކްޓަރުންނާ ސުވާލުކޮށްލާފައި ދޭ." އަރޫޝާ އެހެން ބުނެލީ ދެ އަތް އުރާލަމުންނެވެ.
ހިތްވަރު ލިބުނީ ކިހިނެއްކަމެއް ވެސް އަރޫޝާއަކަށް ނޭނގުނެވެ. އަރޫޝާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ނަދީމް އަރޫޝާގެ މޫނަށް ބަލައިލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އިތުރަށް މަޑުނުކޮށް ނަދީމް ބާރުބާރަށް ނިކުމެގެން ދިޔުމާއެކު، އަރޫޝާ ގޮސް ދާއިންގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.
" ދާއިން. އެކަމާ ނުވިސްނައްޗޭ. އަހަރެން އެއްވެސް ހާލެއްގައި އޭނައަކާ ނީންނާނަން. މިހާރު އަހަންނަށް އެއްވެސް މީހެއްގެ މަޖުބޫރުކަމެއްގެ ބާރެއް ނުފޯރުވޭނެ. އަހަންނަށް މުހިއްމީ ހަމައެކަނި ދާއިން." އަރުޝާ ބުންޏެވެ. އެއާއެކު ދާއިން އެނދުމަތީގައި އިނދެ އަރޫޝާގެ ގައިގައި ބައްދާލިއެވެ.
ދުވަސްތަކެއް ފަސް
25 ވަނަ ނަންބަރު ސްލިޕް ހިފައިގެން މަހުދީ އާއި ޒުހުދާ ކިޔުގައި ތިއްބެވެ. ހޫނު ގަދަކަމުން އިރުއިރު ކޮޅުން މަހުދީއަށް ދެ އަތުން މޫނު ފުހެލެވެއެވެ. ޒުހުދާ ވެސް ދެ އަތުން މޫނަށް ވައި ޖައްސަމުން ދިޔައެވެ.
އެ ގޮތުގައި އެތައް އިރެއް ވަންދެން ކޮޅަށް ތިއްބާ، 25 ވަނަ ނަންބަރަށް ގޮވާލި އަޑު އިވުނެވެ. އެ އަޑަށް މަހުދީ އާއި ޒުހުދާ ތެޅިގަތެވެ. އަދި ބާރުބާރަށް ގޮސް، ކުޑަ ދޮރުން އެ ކަރުދާސްކޮޅު ދިއްކޮށްލިއެވެ. އެ އާއެކު އެތެރޭގައި އިން މީހާ، މަހުދީ އަތަށް ތަޅުދަނޑިއެއް ދިއްކޮށްލިއެވެ.
ބޮޑު ދޮރުން އެތެރެއަށް ވަދެގެން ގޮސް 25 ވަނަ ނަންބަރު ކޮޓަރީގެ ދޮރު ހުޅުވާލީ މަހުދީއެވެ. މަޑުމަޑުން އެތެރެއަށް ވަތް އިރު އެ ކޮޓަރީގެ ކަނެއްގައި ހުރި އެނދުގައި ޒައިނާ އޮތީ ނިދާފައެވެ. އޭނާ ފެނުމާއެކު ޒުހުދާ އަވަސް އަވަހަށް އެ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ޒުހުދާގެ އަތުގައި ހިފައި މަހުދީ އޭނާ ހުއްޓުވިއެވެ.
" ފެނޭތަ، ފެނޭތަ؟" މަހުދީއަށް ބުނެވުނީ ޒައިނާގެ ފަޔާ ދިމާލަށް އިނގިލި ދިއްކޮށްލަމުންނެވެ.
އެއާއެކު ދެ ލޯ ބޮޑުވެ ޒުހުދާއަށް އަނގަމަތީގައި އަތް ޖައްސައިލެވުނެވެ. ޒައިނާގެ ފައިގައި ބޮޑު ޗޭނުގަނޑެއް އައްސާފައި ހުއްޓެވެ. އޭގެ އަނެއްކޮޅު އައްސާފައި ހުރީ ފާރުގެ ތިރީގައި ހަރުކޮށްފައި ހުރި ދަގަނޑު ބުޅިއެއްގައެވެ.
" ރާ ރައްބި." ޒުހުދާއަށް ބުނެވުނީ ރޮވެމުންނެވެ.
ޒައިނާއަށް ލިބުނު ކުއްލި މެންޓަލް ޝޮކެއްގައި އޭނާއަކީ މިހާރު އެއްވެސް ވަރަކަށް ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. ޒައިނާއަށް މިހެން ދިމާވީ،އޭނާ އުއްމީދުވެސް ނުކޮށް ހުއްޓާ، ކުއްލިއަކަށް ނަދީމް އޭނާ ވަރިކުރުމުން، އޭނާއަށް ލިބުނު ކުއްލި ޝޮކެއްގައެވެ. މާޒީގައި ހިނގާ ދިޔަ އެއްވެސް ކަމެއް އޭނާ ހަނދާނެއް ނުހުރެއެވެ. އޭގެ އިތުރުން ޒައިނާއަށް ހުރީ އޭނާގެ އަމިއްލަ ނަފްސު ވެސް އޮޅިފައެވެ.
" އަހަރެންގެ ދަރިފުޅު... މި މެންޓަލް ހޮސްޕިޓަލްގައި މި ހާލުގައި ބާއްވާކަށް އަހަރެން ބޭނުމެއް ނޫން." ރޮމުން ރޮމުން ޒުހުދާ، މަހުދީގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
" މި ނޫން ތަނަކަށް ޒައިނާ ގެންދާނެ ލާރިއެއް އަހަރެންގެ އަތަކު ނެތް. ޖަލަށް ނުގޮސް އަހަރެން މި ސަލާމަތްވީ އަތުގައި ހުރި ހުރިހާ އެއްޗެއް ވިއްކައިގެން ކަން ޒުހުދާއަށް އެނގެއެއްނު. މިކަހަލަ ސަރުކާރު ހޮސްޕިޓަލަކުން ނޫނީ މިހާރު އަހަންނަކަށް ހިދުމަތެއް ނުހޯދޭނެ." މަހުދީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" ދެން އެ ހާލުގައި އޮވެ، މަގޭ ދަރިފުޅު މަރުވާން ދޫކޮށްލަނީތަ؟" ޒުހުދާ އެހިއެވެ.
" އެއީ އަހަރެންގެ ވެސް ދަރިފުޅޭ. އެކަމަކު... އަހަރެމެންނަށް ތި ނޫން ގޮތެއް ނެތެއްނު. މި ތަނުން ނެރެގެން ގެއަށް ގެންދިޔަސް އަހަރެމެން ކިހިނެއް ޒައިނާ ބަލާނީ؟ އެއަށްވުރެ ޒައިނާގެ ކޭސް މާ ސީރިއަސް. ހޭލައިގެން ނުހިފެހެއްޓޭތީ، ޗޭނު ޖެހި ވާހަކަ އަހަރެން ކައިރީ ޑޮކްޓަރު ގުޅާފައި ބުނި. އަހަރެން އެއްބަސްވީ އިތުރަށް އޭނައަށް ގެއްލުމެއް ލިބުނަ ނުދޭން ވެގެން." މަހުދީއަށް ވެސް ރޮވިއްޖެއެވެ.
މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ.
( ނުނިމޭ)
މި ވާހަކައިގެ ފަހުބައި އަންނަ އާދީއްތަ ދުވަހު ގެނެސްދެވޭނެއެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!