ކުރީގެ އަދަދާއި ގުޅޭ:

"އަލިފާނާ، މޫދާވެސް އޭނަ ކައިރި ކޮށްގެން ނުވާނެ. އެއްވެސް ދުއްވާ އެއްޗަކަށް ވެސް އެކަނި އަރައިގެން ނުވާނެ. އަދި މި ނޫނަސް، އޭނައަށް ނުރައްކަލެއް ދިމާވެދާނެ ފަދަ އެއްވެސް ކަމަކާ ކައިރިކޮށްގެން ނުވާނެ. ފިޓް ޖެހިދާނެ ކޮންމެ ފަދަ ތަނަކު، ހުއްޓަސް. މި ކަންކަމަށް ވިސްނައިގެން، ނޯމަލް ލައިފެއް އޭނައަށް އުޅެވޭނެ. ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭނީ." ޑޮކްޓަރގެ ވާހަކަތައް އަރޫޝާގެ ކަންފަތުގައި އޭރު ވެސް ގުގުމަމުން ދެއެވެ.

Ad
rt

ދާއިން ރޫމަށް ގެނައި އިރު އަރޫޝާގެ އިތުރުން އާބިދު ވެސް ހުރީ ރޫމްގައެވެ. އޭރު ވެސް ދާއިންއަށް އޮތީ ނިދިފައެވެ. ދާއިން ފެނުމުން އަރޫޝާއަށް ރޮވޭ ގޮތްވި ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. ދާއިންގެ ކުރިމަތީގައި ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދާއިންގެ އަތް މަތީގައި އަތް ބާއްވާލުމަށްފަހު އަރޫޝާއަށް އިނދެވުނީ ދާއިންގެ މޫނަށް ބަލާށެވެ. އެނދު ކައިރީގައި އޭރު ވެސް އާބިދު ހުއްޓެވެ. އަރޫޝާގެ ހާލަތު ފެނި އާބިދު ހުރީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައެވެ.

" އަރޫ! ކާ އެއްޗެއް ގެނެސްދެންތަ؟" އާބިދު އަހާލިއެވެ.

އެއާއެކު އަރޫޝާއަށް އާބިދުގެ މޫނަށް ބަލައިލެވުނެވެ. އޭރު އަރޫޝާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހަށިގަނޑުން ވެސް ހީވަނީ ވަރު ދޫވެފައި ހުރި ހެންނެވެ. ހަގީގަތުގައި ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ނަމަވެސް އޭނާ ހުރީ އެއްޗެއް ކާ ހިތަކުން ނޫނެވެ.

" މިހާރު ފަތިސް ވެއްޖެ ދޯ؟ އަހަރެން ބޭނުމީ ނަމާދުކޮށްލަން. " އަރޫޝާ ބުނެލީ މަޑުމަޑުންނެވެ.

" އަހަރެން ވެސް މި ދަނީ މިސްކިތަށް. އަންނަމުން ކޮފީއެއް ގެނެސްދޭނަން. ދާއިން ހޭލީމަ ދާއިންއަށް ވެސް ކަޅުސައިތައްޓެއް ދޭށޭ ޑޮކްޓަރ ވިދާޅުވީ. އަހަރެން މި އަންނަނީ އިނގޭ. " އާބިދު ވާހަކަ ދެއްކީ ގަޑި ބަލައިލަމުންނެވެ.

އަރޫޝާ ބޯ ޖަހާލުމާއެކު އާބިދު ނިކުމެގެން ދިޔައެވެ.

ހެނދުނުގެ ވަގުތެވެ. ނަދީމްއާއި ޒައިނާ ސައިބޯން އައީ އެކުއެކީގައެވެ. އޭރު މަހުދީއާއި ޒުހުދާ ކާމޭޒު ކައިރީގައި އެ މީހުންގެ އިންތިޒާރުގައި ތިއްބެވެ. މަހުދީ ފެނުމާއެކު ނަދީމްގެ ހިތުތެރޭގައި މަހުދީއާމެދު އޮތް ރުޅިވެރިކަން އިތުރުވެގެން ދިޔަ ކަހަލައެވެ. މަހުދީގެ މޫނުމަތިން ނަދީމްއަށް ފެންނަނީ މަކަރުވެރިކަމާއި ހީލަތްތެރިކަމެވެ. އަދި ޒުހުދާއާއި ޒައިނާގެ މޫނުމަތީގައިވާ ހިނިތުންވުމުގެ ފަހަތުގައިވާ އޮޅުވާލުމާއި ދޮގުވެރިކަން ނަދީމްއަށް އިހްސާސް ކުރެވޭ ކަހަލައެވެ.

" ދަރިފުޅާ ނަދީމް. މިހާރު ތި ޕްރޮޖެކްޓް ނިމެން އަދި ކިހާ ދުވަހެއް ނަގާނެތަ؟" ނުހަނު ލޯތްބާއެކު މަހުދީ ސުވާލު ކުރިއެވެ.

މަހުދީގެ އަޑު އިވުމާއެކު ނަދީމްއަށް ހިނިތުންވެވުނެވެ. އޭނާ ނަދީމްއާމެދު ކުރާ އުއްމީދުތައް އެނގުމުން ހިތުގެ އަޑިން މަހުދީއަށް މަލާމާތް ވެސް ކުރެވުނު ކަހަލައެވެ.

" އަދި ނަގާނެ ވަރަށް ދުވަސް. ބައްޕާ. އަޅުގަނޑު ވެސް އަމިއްލަ ވިޔަފާރިއެއް ފަށަން އެބަ ވިސްނަން. އެކަމަކު އެކަން ކުރެވެން އަންނާނީ އަޅުގަނޑަށް މުސާރަ ލިބިގެން. " ނަދީމްގެ ޖުމްލައިން ޒައިނާ ދިޔައީ ސިހިގެންނެވެ.

ނަދީމްއަކީ މީގެ ކުރިން ޒަައިނާއާ މަޝްވަރާ ކުރުމެއް ނެތި، މަހުދީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނަން ކެރޭ މީހެއް ނޫނެވެ. މުސާރައިގެ ވާހަކަ އޭނާ ދައްކަފާނެ ކަމަކަށް ޒައިނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.

" އަދިވެސް ބޭންކްއިން އެ މައްސަލަ ހައްލުކޮށެއް ނުދޭ. ނަދީމް ހާސްނުވޭ. ނަދީމްއަށް ލިބެން ޖެހޭ ފައިސާ ނަދީމްއަށް ލިބޭނެ. ތި ޕްރޮޖެކްޓް އެ ދުވަހަށް ނިންމާލާ. ނުނިމުނިއްޔާ ބައްޕައަށް ވަރަށް ގެއްލުންވާނެ. އަދި މި ކުންފުނީގެ އަގު ވެއްޓި، އިތުބާރު ގެއްލޭނެ. ބައްޕައަށް އެނގޭ ދަރިފުޅުގެ ކިބައިގައި މިކަން ކުރާނެ ގާބިލްކަން ހުރިކަން. ފައިސާއާމެދު ހާސްވާނެ ކަމެއް ނެތް. " މަހުދީ ބުންޏެވެ.

މަހުދީގެ ވާހަކަތައް ރީތިކަމުން ނަދީމްއިނީ ހައިރާންވެފައެވެ.

" ދަރިފުޅު ކޮންކަހަލަ ވިޔަފާރިއެއް ފަށަން ގަސްތު ކުރަނީ؟ " މަހުދީ އެހިއެވެ.

އެއާއެކު ނަދީމްއަށް ބަލައިލެވުނީ ޒައިނާގެ މޫނަށެވެ.

" ރަށުގައި ރެސްޓޯރެންޓެއް ހުޅުވަން ބޭނުމީ." ނަދީމް ބުންޏެވެ.

އެއާއެކު ޒައިނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެއްޖެއެވެ. ހަގީގަތުގައި ނަދީމްގެ ރަށަށް ޗުއްޓީއަކަށް ވެސް ދާކަށް ޒައިނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ނަދީމްގެ ހިޔާލާމެދު ޒައިނާ ވަރަށް ބޮޑަށް ނުރުހުނެވެ.

" ރަށުގައޭ؟ އަދި ބައްޕަ ހީކުރީ މިތާ ފިހާރައެއް ކަހަލަ އެއްޗެއް ހުޅުވަން އުޅެނީކަމަށް. މިތާ ހުޅުވަންވީއެއްނު." މަހުދީ ބުންޏެވެ.

މިކަމުގައި މަހުދީގެ ހިޔާލެއް ބޭނުމެއް ނުވެޔޭ ބުނެފާނަމޭ ނަދީމް އެ ވަގުތު ހިތަށް އެރިއެވެ. މަހުދީއަކީ އަމިއްލަ އެދުމައިގެން އުޅޭ މީހެއްކަން ނަދީމްއަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ، ނަދީމް މިހާރު މަހުދީދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ.

" ނޫނޭ. އަހަރެން ބޭނުންވަނީ ރަށުގައި މަސައްކަތެއް ފަށަން. އެ ތަން ބަލަަހައްޓަން ބައްޕައާއި ދާއިން ވެސް ހުންނާނެއެއްނު." ނަދީމް ބުންޏެވެ.

" މިހާރު އެއްބަނޑަސް ތިމާގެޔަސް، ވިޔަފާރީގައި އިތުބާރު ކުރާކަށް ނުވާނެ." ނަދީމްގެ ހިޔާލަށް ތާއީދު ކުރުމުގެ ބަދަލުގައި މަހުދީ އިތުރަށް ނަދީމް ރުޅި އަރުވާލިއެވެ.

" ބައްޕަ ތި ބުނުއްވީ ވަރަށް ބޮޑު ތެދެއް. ވިޔަފާރީގައި އިތުބާރު ކުރާކަށް ނުވާނެ. " ނަދީމް ވަގު ލޮލަކުން ޒައިނާއަށް ބަލައިލިއެވެ އޭރު ޒައިނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުދާސްވެރިކަމެވެ. އެ ވަގުތު ނަދީމްއަށް ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.

ކަންފަތުގައި ފޯނު ޖައްސައިގެން އިނދެ އަރޫޝާ މަޑުމަޑުން ގިސްލަމުން ދިޔައެވެ. އޭރު ވާހަކަތައް އަޑުއަހަން ހުރި ރިޒާގެ ދެ ލޮލުން ވެސް ފެންތައް ފައިބަމުން ދެއެވެ.

" ބައްޕަ ބޭނުން މާލެ ދާން." ރޮވިފައި ހުރެ ރިޒާ ބުންޏެވެ.

" ބައްޕާ. އަހަރެމެން ވަރަށް އަވަހަށް ރަށަށް ދާނަން. ހަފްތާއެއް ވަންދެން ދާއިން އަދި ހޮސްޕިޓަލްގައި ބާއްވާނެ. ދޫކޮށްލީމަ އަހަރެމެން ރަށަށް ދާނަން. ބައްޕައަށް އެހާ އަވަހަށް ޗުއްޓީއެއް ވެސް ނުލިބޭނެއެއްނު. މިހާރު ދާއިން ހަމައަކަށް އެޅިއްޖެ. މަޑުމަޑުން އެއްޗެހިވެސް ކެވޭ. " އަރޫޝާ ބޭނުންވީ ރިޒާ ހަމައަކަށް އަޅުވާށެވެ.

" އެކަމަކު ތި ދެ ދަރިން ތިތާ، ތިހާ ހާލުގައި ތިބޭކަން އެނގުނީމަ ބައްޕައަށް ކެތްވާނީ ކިހިނެއް؟" ރިޒާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަން އުނދަގޫވުމުން އަރޫޝާ އަވަސް އަވަހަށް އާބިދު އަތަށް ފޯނު ދެމުން ބައްޕައަށް ވިސްނައިދޭށޭ ބުނެލިއެވެ.

" ބޭބޭ. އަހަރެން ވެސް މިތާ އެބަ ހުރީމޭ. އަހަރެން ވެސް ކުރު ޗުއްޓީއެއް ނަގައިގެން ދާއިންއަށް އެހީވާން ހޮސްޕިޓަލްގައޭ މި އުޅެނީ. އިރާދަކުރެއްވިއްޔާ ދާއިން ރަށަށް ދާނީ ރަނގަޅު ވެގެން. " އާބިދު ބުންޏެވެ.

އާބިދު ހިތްވަރު ދިނުމުން ރިޒާ ފޯނު ބޭއްވީ، ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިގެންނެވެ. ނަމަވެސް އޭރު ވެސް އޭނާއަށް ހުރީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

ނިދިފައި އޮތް ދާއިންއަށް ބަލަހައްޓައިގެން އަރޫޝާއަށް އިނދެވެނީއެވެ. ގެއަށް ގޮސް ތާޒާ ވެލައިގެން އަންނަން އެތައް ފަހަރަކު އަރޫޝާގާތު އާބިދު ބުނެފިއެވެ. ނަމަވެސް ދާއިން ހަމައަކަށް ނޭޅޭތީ އޭނާ އަދިވެސް ހުރީ ދާން ބޭނުން ނުވެފައެވެ.

މަހުދީ ކަންތައް ކުރި ގޮތުން ނަދީމް ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ހަގީގަތް އެނގުމަށްފަހު، އޭނާ ހުރީ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލައިގެންނެވެ. މަހުދީއަށް ގެއްލުން ވިޔަސް، އޭނާ ހުރީ އެ މަސައްކަތް ނިންމާ ގޮތަކަށް ނޫނެވެ. ސިކުނޑީގައި މޮޅެތި ޕްލޭންތައް ރޭވުން ފިޔަވައި އިތުރު ކަމެއް މިހާރު އޭނާއެއް ނުކުރެއެވެ.

ކުއްލިއަކަށް ނަދީމް ސިހުނީ މޭޒުމަތީގައި އޮތް އޭނާގެ ފޯން ރިންގް ވުމުންނެވެ. އެތައް ދުވަހަކަށް ފަހު، ބައްޕަ ގުޅާތީ، ނަދީމްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކުޑަ އިރުކޮޅަކު ފޯނަށް ބަލަން އިނދެ، އޭނާ ފޯނު ނެގިއެވެ.

" ދަ..ދަރިފުޅާ." ނަދީމްގެ ކަންފަތުގައި ޖެހުނީ ރިޒާގެ ރުއިމުގެ އަޑެވެ.

ނަދީމްއަށް ކޮޅަށް ތެދުވެވުނެވެ. ރިޒާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ނަމަވެސް އެ ވަގުތު ހިތުގެ ހިމަ ނާރުތަކުގައި އަދިވެސް އަރޫޝާދެކެ ވާ ލޯބީގެ އަސަރުތައް ހުރުމާއެކު ކޮންމެވެސް ވަރަކަށް ޖެހިލުންވެއްޖެއެވެ.

" ހެޔޮނުވާނެ ނަދީމް. ކޮއްކޮ އެ އޮތީ ވަރަށް ބަލިވެފައި. މިއަދު އެ މީހުންނަށް ދަރިފުޅުގެ އެހީ ބޭނުންވާނެ." ރޮވިފައި ރިޒާ ބުންޏެވެ.

" ބައްޕާ. އަހަރެން ދިޔައީމަ އަރޫޝާ ރުޅިއެއް ނާންނާނެތަ؟ އަރޫޝާ ބޭނުންވޭތަ ދާއިންއާ ކައިވެނި ކުރަން؟" ނަދީމް އެހިއެވެ.

" ދަރިފުޅު މި ވަގުތު އަރޫޝާ ހިތަށް އަރާނެ އެއްޗަކާމެދު ނުވިސްނަބަލަ. އެތާ އެ ހުރީ ދުރުހިލޭ ފިރެހެނެއް. އާބިދު އެ ހުރީ ޗުއްޓީ ނަގައިގެން ދާއިން ބަލަން. އެއަށް ވުރެ މާ ރަނގަޅުވާނެ ދޯ ދަރިފުޅު އައިސް ކޮއްކޮއަށް އެހީތެރި ވިއްޔާ. " ރިޒާ ބުންޏެވެ.

މަދީހާ ދުނިޔެ ދޫކުރުމާއެކު ރިޒާގެ މުޅި ދުނިޔެއަކީ އޭނާގެ ލޯބިވާ ދެދަރިންނެވެ. މަދީހާގެ ލޯބީގެ ނިޝާނަކީވެސް ހަމަ އެ ދެ ދަރިންނަށް ވީ ހިނދު ރިޒާގެ ދުއާއަކީ އެ ދެ ކުދިންގެ ގުޅުން ވަރުގަދަ ވުމެވެ.

" ބައްޕަ ނުރޮއި. އަހަރެން ވަރަށް އަވަހަށް ކޮއްކޮ ކައިރިއަށް ދާނަން. ބައްޕާ! އަހަރެން އަދި އެއް ވާހަކަ ބުނަންތަ؟" ނަދީމް ބުންޏެވެ.

އެއާއެކު ރިޒާ ވަކި ޖަވާބެއް ދިނުމުގެ ކުރިން އަނެއްކާ ވެސް ނަދީމް ވާހަކަ ފެށިއެވެ.

" އަދިވެސް އަރޫޝާ އެ އިނީ އިއްދައިގައެއްނު. އަރޫޝާ މި ކައިވެނި ރުޖޫޢަކޮށްފާނެތަ ބައްޕާ؟" ނަދީމް އެހިއެވެ.

އެ ވަގުތު ރިޒާއަށް ހީވީ ބޮލުގައި އެތިފަހަރެއް ޖެހި ހެންނެވެ. އަނެއްކާ ވެސް ދެ ދަރިންގެ ކޯޅުން ކުރިމަތިވެ، އަރޫޝާއަށް ނިކަމެތިކަން ލިބޭނެކަން އޭނާއަށް ޔަގީން ކުރެވުނެވެ. އަދި ދާއިންގެ ހާލަތު ހުރި ގޮތުން ދާއިންއަކީ އަނތްބަކު ގެންގުޅެވޭނެ މީހެއް ނޫންކަން ވެސް ރިޒާއަށް އެނގެއެވެ. ނަމަވެސް އަރޫޝާ ދާއިންގެ އަތުން ދޫކޮށްނުލާނެކަން ރިޒާއަށް ޔަގީން ކުރެވެއެވެ.

" ދަރިފުޅާ. ބައްޕަ ބުނަންތަ ވާހަކައެއް؟ ދަރިފުޅާ އަރޫޝާގެ ގުޅުމަކީ މިހާރު ނިމިފައި އޮތް ކަމެއް. މިހާރު އަރޫޝާ އެ ހުރީ ދާއިންގެ އަނތްބަކަށް ވާން ތައްޔާރަށް. ދަރިފުޅު ދެން ތި ކަމުގައި ކޮއްކޮއާ ދެބަސްވާން މަސައްކަތް ނުކުރޭ. ދަރިފުޅުގެ އަންހެނުންނާއެކު ދަރިފުޅު ރީތިކޮށް ދިރިއުޅުވޭތޯ ބަލާ. " ރިޒާ ބުންޏެވެ.

ނަމަވެސް ނަދީމްގެ ހިތް އެކަމަށް އިންކާރު ކުރިއެވެ. ޒައިނާދެކެ އޭނާ މިހާރު އިންތިހާއަށް ފޫހިވެއެވެ. ޒައިނާއާއެކު ދިރިއުޅެން އޭނާ ގަސްދެއް ނުކުރެއެވެ. ޒައިނާދެކެ ފޫހިވާ ވަރަކަށް އަރޫޝާގެ ހިޔާލްތައް ނަދީމްގެ ސިކުނޑީގައި އާލާވަމުންދާ ކަހަލައެވެ.

" ކޮއްކޮއަކީ ބަލިމީހެއް. ކޮއްކޮއާ އިނދެގެން އަރޫޝާ ދިރިއުޅޭނީ ކިހިނެއް؟ " ނަދީމް ބުނެލިއެވެ.

އެ ޖުމްލައިން ރިޒާ އިތުރަށް ބިރުގަތެވެ. ނަދީމް އައިސް ދާއިންއަށް އޭނާގެ ބަލިކަން އިހްސާސްކޮށްދީ، ދިރިއުޅުން ހަލާކަކަށް ހަދާފާނެކަމުގެ ބިރެވެ. އަރޫޝާއާ ދާއިންގެ ލޯބީގެ ގުޅުމުގައި ހުޅު ޖަހާފާނެކަމުގެ ބިރެވެ. އަދި ނަދީމް އައިސް އާއިލާގެ މަސްލަހަތު ނަގައިލަފާނެކަމުގެ ބިރެވެ.

އެއާއެކު ނަދީމްއަށް ގުޅުމަކީ، ހެދުނު ވަރަށް ބޮޑު ގޯހެއްކަމުގައި ރިޒާއަށް އިހްސާސް ކުރެވި އެކަމާ އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ.

" ބައްޕާ. އަރޫޝާ ވަރިކޮށްފައި ފައިސާއަށް ހެއްލިގެން އަހަންނަށް މި ހެދުނީ ވަރަށް ބޮޑު ގޯހެއް. ޒައިނާއާއި އޭނާގެ އާއިލާއިން އަހަރެންގެ ބޭނުން ހިފައި އަހަންނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ނުދޭ. މި މީހުންގެ ރޭވުންތެރިކަން އަހަންނަށް އެނގުނީމަ، ނޭނގޭކަމަށް ހަދައިގެން މި ހުންނަނީ ދަނޑިވަޅަކަށް ބަލަަބަލަ. ކޮއްކޮ ބަލިވެގެންނޭ ބުނެ، އަހަރެން މިހުރީ މިހާރުން މިހާރަށް ވެސް ރާއްޖެދާން ބޭނުންވެފައި. " ނަދީމް ބުންޏެވެ.

އިތުރަށް ރިޒާ ކަންބޮޑު ވެއްޖެއެވެ. ނަދީމްގެ ދިރިއުޅުމުގެ ހާލު އެނގި ހުރެވެސް ނަދީމް ރާއްޖެ އަންނާކަށް އޭނާގެ ހިތެއް ނޭދުނެވެ. ނަމަވެސް އިތުރަށް ދެކޮޅު ހަދަން ދައްކާނެ ވާހަކައެއް ނެތެވެ. ޖަޒްބާތުގައި ޖެހި، ކަންތައް ކުރެވުނު ގޮތުން ރިޒާ އިންތިހާއަށް ދެރަވެއްޖެއެވެ. އެންމެފަހުން އޭނާއަށް ފޯނު ބާއްވަން ޖެހުނީ ހާސްހިތަކައިގެންނެވެ.

" އަހަރެން ރަނގަޅޭ އަރޫ. ކީއްވެ ތި ރޮނީ؟" ދާއިން ބުންޏެވެ.

އެނދުގައި ބޯ އަޅާލައިގެން އޮތް އަރޫޝާ ސިހުނީ ދާއިންގެ އަޑަށެވެ. އެއާއެކު އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ދުޅަވެފައިވާ ދާއިންގެ ދެ ލޯ ފެނި، އިތުރަށް އަރޫޝާގެ ހިތް ރޮއްވާލި ކަހަލައެވެ. މަޑުމަޑުން އޭނާއަށް ދާއިންގެ މޫނުގައި އަތް ޖައްސާލެވުނެވެ.

" އަރޫ... އަހަރެން އޯކޭ އޭ." މަޑުމަޑުން ދާއިން ބުންޏެވެ.

އެއާއެކު އަރޫޝާއަށް ދާއިންގެ މޫނުގެ އެތަން މިތަނުގައި ބޮސްދިނުމާއެކު ދާއިން ހީލިއެވެ.

" ދާއިންއާ ނުލާ އަހަންނަށް އެންމެ ސިކުންތަކު ވެސް ނޫޅެވޭނެ. ދާއިންއަށް އެނގޭތަ؟ ދާއިންދެކެ ލޯބިވާވަރު އަހަންނަށް މިހާރު އިހްސާސް ކުރެވިއްޖެ. ދުވަހަކު ވެސް އަހަރެން ދާއިން ދުލެއް ނުކުރާނަން. ދާއިންއަށްޓަކައި މުޅި ދުނިޔެއާވެސް އަހަރެން ހަނގުރާމަ ކުރާކަށް ޖެހިލުމެއް ނުވާނެ. ދާއިން އަހަރެންގެ ހަޔާތުން ބީވެގެން ހިނގައިދާނެކަމުގެ ބިރު، ފުރަތަމަ ފަހަރަށް މި އިހްސާސް ކުރެވުނީ. އަހަންނަށް ހީވީ އަހަރެންގެ ފުރާނަ ވެސް ހަށިގަނޑުން ނިކުތް ހެން. ދާއިން... އަހަންނަކަށް ދާއިންއާ ނުލައެއް ދެނެއް ކެތެއް ނުވާނެ." އަރޫޝާ ރޮމުން ރޮމުން ދާއިންގެ މޫނުގައި މޫނު ޖައްސާލިއެވެ.

އެ ވަގުތު ދާއިން މަޑުމަޑުން އަރޫޝާގެ މޫނަށް ބޮސް ދިނެވެ. އަދި ރުއިން ހުއްޓާލުމަށް ތަކުރާރުކޮށް އޭނާ އެދުނެވެ.

" ކުޑަކޮށް ބޮލަށް ތަދުވޭ އަދިވެސް. " ދާއިން ބުނެލިއެވެ.

އެއާއެކު އަރޫޝާ އަވަސް އަވަހަށް ދެ އަތުން މޫނު ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލުމަށްފަހު ދާއިންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

" އަހަރެން ނުދާނަމޭ ދުރަކަށް. އަހަރެން އަބަދުވެސް ދާއިންގެ އެންމެ ކައިރީގައި ހުންނާނަން. " އަރޫޝާ ބުންޏެވެ.

އެ ވަގުތު ދާއިން އަރޫޝާގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

އޮފީހުން ނިކުމެގެން ނަދީމް އައިސް ކޮޓަރިއަށް ވަނީ ބާރުބާރަށެވެ. އެއާއެކު އެނދުމަތީގައި އޮތް ޒައިނާ ފުންމައިގެން ތެދުވެ، ނަދީމްއަށް ބަލައިލިއެވެ.

" އަހަރެން ރާއްޖެ ދާން ޖެހިއްޖެ. ހަމަ މިހާރު." ނަދީމް ބުނެލިއެވެ.

އެއާއެކު ޒައިނާގެ މޫނުމަތީގައިވާ ހައިރާންކަން އިތުރު ވެގެން ދިޔައެވެ.

" ހަމަ މިހާރޭ؟ " އެނދުން ތެދުވެގެން އައިސް ޒައިނާ ސުވާލު ކުރިއެވެ.

" ދާއިން އެކްސިޑެންޓް ވެގެން. ވަރަށް ބޮޑު ސާޖަރީއެއް ކޮށްފި. " ނަދީމް ބުންޏެވެ.

" ދެން؟ ކޮބާ ބައްޕަ؟ ކޮބާ ދާއިން އިންނަން އުޅޭ އަރޫޝާ؟ މީހުން ތިބިއްޔާ މިހާ ދުރުން ނަދީމް ހަމަ ކޮންމެހެން ވެސް ދާން ޖެހޭތަ؟" ޒައިނާ ދެ އަތް އުރާލަމުން ބުންޏެވެ.

އެއާއެކު ނަދީމް އިންތިހާއަށް ރުޅި ގަދަވެއްޖެއެވެ.

" ޒައިނާ ހީ ނުކުރައްޗޭ އަހަރެން މި ތަނަށް މި އައީ އަހަރެންގެ އާއިލާ ކަފުންކޮށް ވަޅުލައިފައޭ. އެ މީހުން ދުނިޔޭގައި އެބަ ތިއްބޭ. އެއީ ވެސް އަހަރެންގެ ޒިންމާއެކޭ." ނަދީމް ބުންޏެވެ.

" ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ." އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)