ދުނިޔޭގެ އެންމެ ބޮޑު 'ބަޔޯހައިބްރިޑް' ރޮބޮޓް އަތް ޖަޕާނުން ތަރައްޤީކޮށްފިއެވެ.
ޖަޕާނުގެ ދިރާސާކުރާ ޓީމަކުން ދުނިޔޭގެ އެންމެ ބޮޑު 'ބަޔޯހައިބްރިޑް' ރޮބޮޓް އަތް ތަރައްޤީކޮށްފައިވާއިރު، މި ރޮބޮޓް އަތަކީ އިންސާނުންގެ މަސްތަކުގެ ޓިޝޫ ބޭނުންކޮށްގެން ހަރަކާތްކުރުވާ އަތެކެވެ.
ޓޯކިޔޯގެ ކިޔޯޑޯ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، މި ރޮބޮޓް އަތުގައި ފަސް އިނގިލި ހުރެއެވެ. އަދި މި އަތް ބޭނުންކޮށްގެން މަސްނޫއީ އަތްތައް ތަރައްޤީކުރެވިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރެއެވެ.
މި ރޮބޮޓް އަތުގެ ދިގުމިނަކީ އަތްތިލައާއި އަތުގެ ކުރިމަތީ ބައި ހިމަނައިގެން 18 ސެންޓިމީޓަރެވެ. މި އަތުގައި ގިނަ ޖޮއިންޓްތަކެއް ބޭނުންކޮށްގެން ވަކިވަކިން ހަރަކާތްކުރެވޭ ގޮތަށް ހަދާފައިވެއެވެ. އަދި އިނގިލިތަކުން ކުދި އެއްޗެހި ނަގައި، ހިފަހައްޓައި އަދި އުފުލުން ފަދަ އުނދަގޫ ހަރަކާތްތައްވެސް ކުރެވޭނެއެވެ.
މި ދިރާސާ ކުރީ ޓޯކިޔޯ ޔުނިވަރސިޓީއާއި ވަސެޑާ ޔުނިވަރސިޓީގެ ދިރާސާކުރާ ފަރާތްތަކުންނެވެ. މީގެ ކުރިން ހަދާފައިވާ ބަޔޯހައިބްރިޑް އާލާތްތަކަށްވުރެ މި އަތް ތަފާތުވަނީ، ކުރީގެ އާލާތްތަކަށް ހަމައެކަނި އެއް ޖޮއިންޓަކުން ހަރަކާތްކުރެވޭ އިރު، މި އަތަށް ގިނަ ޖޮއިންޓްތަކުން ހަރަކާތްކުރެވޭތީއެވެ. އަދި ކުރީގެ އާލާތްތަކުގެ ސައިޒަކީ 1 ސެންޓިމީޓަރު ކަމުގައިވާއިރު، މި އަތް މާ ބޮޑެވެ.
ޓޯކިޔޯ ޔުނިވަރސިޓީގެ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާގެ ޕްރޮފެސަރ ޝޯޖީ ޓަކެއުޗީ ވިދާޅުވީ މި ދިރާސާއިން ބަޔޯހައިބްރިޑް ރޮބޮޓް އަތެއްގެ މަސްތަކުގެ ބާރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންސާނުންނާ އެއްގޮތް ރޮބޮޓުތަކާއި ވަރަށް ފުރިހަމަ މަސްނޫއީ އަތްތައް ތަރައްޤީކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!