ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް އާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ލީހުގެ ރައީސް ޢަބްދުއްރަޙީމް އަދި ޕީއެންސީ ޕީޖީ ލީޑަރ ފަލާހް އާއި މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

Ad
rt

‏މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ކުރިއަށްދާ ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވިކަމަށް ހީނާ ވިދާޅުވިއެވެ.

''‏މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް.'' ހީނާ ވިދާޅުވެފަވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވަމުން މުހިންމު ބިލުތަކެއް މަޖިލީހަށް ފޮނުއްވާނޭކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލެވެ. އެ ބަދަލާއެކު، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ވެސް މި ދައުރުގައި ސަރުކާރުން ހުށަހަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އިތުރު ބިލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުމުގެ ބިލާއި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާ އިސްލާހު ކުރުމުގެ ބިލާއި، ކޮރަޕްޝަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި، ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު ހިމެނެއެވެ.