ކުޅީގެ %70 ހަލާކުކޮށް އެއާރޕޯޓެއް ތަރައްގީ ކުރިފަހުން ކުޅުދުއްފުށި ސިޓީވަނީ އިތުރު ނުރައްކަލެއްގެ ތަރެއަށް ވެއްޓިފައިކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
އެ ޖަމްޢިއްޔާއިން މިގޮތަށް ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް ގުދުރަތީ ވަޞީލަތްތަކާއި ޚާއްސަކޮށް ކުޅި، ފާ، އަދި ޗަސްބިންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށާއި ހދ.ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ޙިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށް އެކަމާމެދު ޢަމަލީ ގޮތުން މިހާރުން މިހާރަށް ފިޔަވަޅުއެޅުމަށް ގޮވާލައި ނެރުނު ނޫސްބަޔާނެއްގައެވެ.
Governments like #Maldives have a human rights obligation to protect their communities from current impacts of #ClimateCrisis in this case by protecting mangroves https://t.co/miwdoqmEnK
— Skye Wheeler (@WheelerSkye) January 24, 2020
މިގޮތުން 2019ގެ ޑިސެމްބަރު ފަހުކޮޅު ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ކުރިމަތިލާން ޖެހުމާއި މީގެ ސަބަބުން ގިނަ ގޭގެއަށް ބޮޑެތި ގެއްލުން ކުރިމަތި ވަމުން ދެއެވެ. ފެން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ކުޅީގެ ކައިރި ސަރަހައްދުތަކަށްކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ކުޅުދުއްފުށީގައި އެއާރޕޯޓެއް ތަރައްގީ ކުރުމަށް އެރަށުގެ ކުޅީގެ ބޮޑުބައެއް އިއާދަ ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާކަން ފާހަގަކޮށްފައެވެ.
އަދި ދާދިފަހުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ތަރައްޤީޤެ ނަމުގައި ކުޅީގެ ބާކީ ދިރުން އިތުރަށް ހަލާކުކޮށްލުމަށް އިދާރާތަކުން ތައްޔާރުވަމުން އަންނަކަމަށް ޖަމްޢިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިފަދަ ކުޅިތައް ހަލާކުކޮށްލައިފިނަމަ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންއަންނަ އިތުރު ރަށްތަކެއް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެކަމަށާ، ފެންބޮޑުވުމާއި އިތުރު ކާރިޘާތަކަށް މަގުފަހިވެގެންދާނެކަމަށެވެ. އެހެންކަމުން ފެންބޮޑުވުމާއި، ސުނާމީއާއި ގުދުރަތީ އެހެނިހެން ކާރިޘާތައް ކުޑަކުރުމަށްޓަކައި ޤުދުރަތީގޮތުން އުފެދިފައިވާ ކުޅިފަދަ ތަންތަން ޙިމާޔަތްކުރަންޖެހޭކަން އެޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖެ 1200 ރަށަކީ ކަނޑުގެ ލޮނުގަނޑު އުސްވެއްޖެނަމަ ތިމާވެށީގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެންމެ ނާޒުކު އެއް ގައުމުކަން އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.
ފެންބޮޑުވުމާއި، ރަށްގިރުމާއި، އަދި އެހެނިހެން ކާރިސާތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު، ކުޅިތަކާއި ފަރުތަކާކީ މިކަންކަމުން ސަލާމަތް ވުމަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްމެ މުހިއްމު ގުދުރަތީ ވަސީލަތްތައްކަން އެ ޖަމްޢިއްޔައިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!