ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ކަނބަލުންނަށެވެ.
ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި، "އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނު" ނަމުގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ، ރަށްފުށުގެ އިޤްތިޞާދީ ޙަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ވިޔަފާރިކުރުމާ ގުޅުންހުރި މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމެވެ.
ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އަތޮޅު ކައުންސިލް
މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ހިމެނޭ ބައިތަކުގެ ތެރޭގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިޤްތިޞާދީގޮތުން ބާރުވެރި ކުރުވުމާއި، ރަށުގައި ތިބެގެން އާމްދަނީ ލިބޭނޭ ރަނގަޅު ވިޔަފާރިއެއް ފެށުމަށް އައިޑިއާ ހޯދާނެގޮތާއި، ވިޔަފާރި ފެށުމަށްފަހު ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތާއި، އާމްދަނީ އިތުރުކުރާނެގޮތުގެ އިތުރުން ވިޔަފާރި ޕްލޭން ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ.
މި ޕްރޮގްރާމްގައި ހއ. އަތޮޅުގެ 12 ރަށުން 22 ކަނބަލުން ބައިވެރިވެފައިވެއެވެ.
ހއ.އަތޮޅުގައި ކުރިއަށްދާ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: އަތޮޅު ކައުންސިލް
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ އާއި، އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެންނެވެ.
މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް ގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރަޝީދާއި ޔޫ.އެން.ޑީޕީގެ ޕްރޮގްރާމް އޮފިސަރ މުޙައްމަދު ނަބީހް އާސިމާއި އެލް.ޖީއޭގެ އެޑްވަކޭޓަރ ޝިފާ ޢަލީ މުރުތަޟާ އަދި އެލް.ޖީއޭގެ ސީނިއަރ ޕްލޭނިންގ އޮފިސަރ އިބްރާހިމް ޝަރަފް ތައުފީޤެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!