ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުންދިޔަ އައިސްޕްލާންޓްތައް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) ގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ކަމަށްޓަކައި އެ ދެ ކުންފުނީގެ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.
މިފްކޯގެ ދަށަށް ބަދަލުކުރި އައިސްޕްލާންޓްތަކުގެ ތެރޭގައި 14 އައިސްޕްލާންޓެއް ހިމެނެއެވެ. އެ އައިސްޕްލާންޓްތައް ހުރި ރަށްތަކަކީ، ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޮރީ އަދި ސ. ހިތަދޫ އެވެ.
މި ބަދަލު ގެނައުމުގެ ސަބަބާ ގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ، މިދިޔަ ސަރުކާރުން 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކުރުމުން އެ ތަންތަން ހިންގުމުގެ ހަކަތަ ފެނަކައިގައި ނެތް ކަމަށެވެ. އަދި ގިނަ އައިސްޕްލާންޓްތަކުގެ އޮޕަރޭޝަން ހުރީ ހުއްޓިފައިކަންވެސް ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއްވެސް ޒަމާނުއްސުރެ އެބަ ހުރިކަން ފާހަގަކުރައްވަމުން، އެކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި އައިސްޕްލާންޓް ގާއިމުކުތަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، އެމަނިކުފާނު ވަޢުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
2026 ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް ނިމޭނެ ކަމަށާއި، އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިންގ ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!