ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް ނޮވެމްބަރު 3 ގެ އައްޑަނަ އަރުވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި މި ޖަލްސާގައި އެ ބޭފުޅުންނަށް އައްޑަނަ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

މި ޖަލްސާގައި ނޮވެމްބަރު 3 ގެ އައްޑަނަ އެރުވި ފަސް ބޭފުޅުންނަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ ވަގުތުގައި ޤައުމީ ވާޖިބު އަދާކުރެއްވުމަށް ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންނެވެ. މިގޮތުން މި ޝަރަފު ލިބިވަޑައިގެންނެވީ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީއަށެވެ.

މީގެ އިތުރުން ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމްގެ އިތުރުން ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދަށް ވެސް ވަނީ މި ޖަލްސާގައި ނޮވެމްބަރު 3 ގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަރުވާފައެވެ.

ނަޞްރުގެ ދުވަހުގެ މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް އިސްތިޤްބާލުކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޖަލްސާ ރަސްމީކޮށް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މިރޭގެ ޖަލްސާގައި ނޮވެމްބަރު 3 ގެ ޙާދިސާއާ ގުޅުވައިގެން "ލޭގެ ޖިހާދު" ގެ ނަމުގައި ދިވެހި ސިފައިން ވަނީ ޚާއްޞަ ތަމްސީލެއް ހުށަހަޅައިދީފައެވެ. އަދި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ޖަލްސާގައި ނެރެދެއްވި އިރު، އެމަނިކުފާނު ވަނީ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ވެސް ދައްކަވާފައެވެ.

މި ރަސްމީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.