ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ.
މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ.
މަކުނުދޫ ކައުންސިލް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ އަމިއްލަ ގޮތުން ވާދަކުރާ އިބްރާހީމް މުޙައްމަދު، މ. ކަރާދުނބުރިއާގެ / ކ. މާލެ، އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާ ނަޛްރާނާ ޢަލީ، ހުދުވިލާ / ހދ. މަކުނުދޫ އެވެ.
ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވާދަކުރާ ފަހީމާ ޢަބްދުﷲ، ލިލީމާގެ / ހދ. ހިރިމަރަދޫ އަދި އަމިއްލަގޮތުން ވާދަކުރާ ރަޒީނާ ޙުސައިން، ސީސަންގެ / ހދ. ހިރިމަރަދޫ އެވެ.
މިއަދު ކުރިއަށްދާ އިތުރު ބައި-އިލެކްޝަންތަކަކީ ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން، ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އެވެ.
މި ބައި-އިލެކްޝަންގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!