ލ. ފޮނަދޫގައި ސައިކަލެއްގައި ދުއްވަމުންދިޔަ އަންހެނަކަށް ދެ ފިރިހެނުން ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 18:34 ހާއިރުއެވެ.

Ad
rt

މިގޮތުން ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލުގައި ދަތުރުކުރަމުންދިޔަ ދިވެހި އަންހެނަކަށް، ސައިލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުން ދިމާކޮށް، ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް، ހެލްމެޓް ނަގައި، ވަލުތެރެއަށް އެއްލާލާފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށް ފުލހުން ބުންޏެވެ.

މި ހާދިސާގެ ވީޑިއޯ، އެ މައްސަލާގައި ގޯނާއާއި ކުރިމަތިވިކަމަށް ބުނާ އަންހެން މީހާ ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެއް ސައިކަލެއްގައި އައި ދެ ފިރިހެނުން ވަނީ އެ އަންހެން މީހާއާ ފުރައްސާރަކޮށްފައެވެ.

މި ވީޑިއޯ އާންމުކޮށް އެ އަންހެން މީހާ ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މަތިމަރަދޫ ލާމު ފިނިއައްޓާ ހިސާބުން އެ ދެމީހުން އޭނާ ފަހަތުން ސައިކަލު ދުއްވަން ފެށިއެވެ. އަދި ހެލްމެޓް އަޅަން މުކުރިމަގުގައި މަޑުކުރުމުން އެމީހުން އޭނާއަށް ގޮވިކަމަށް އޭނާ ބުނެފަވެއެވެ.

އެ އަންހެން މީހާއަށް ފޮނަދޫއަށް ދެވުންއިރު ވެސް އެމީހުން އޭނާ ފަހަތުން ދުއްވި ކަމަށް އޭނާ ލިޔެފަވެއެވެ. އަދި ހެލްމެޓް ނަގަން މަޑުކުރުމުން އަނެއްކާ ވެސް އެމީހުން އޭނާއާ ވާހަކަދެއްކި ކަމަށާއި، އެމީހުން އޭނާގެ ވީޑިއޯ ކުރިކަމަށް ވެސް ލިޔެފަވެއެވެ. އެމީހުން ވީޑިއޯ ކުރަން ފެށުމުން އޭނާ ވެސް އެމީހުންގެ ވީޑިއޯ ނަގަން ފެށި ކަމަށާއި އެމީހުން ރުޅިއައީ އެހިސާބުން ކަމަށް އޭނާ ލިޔެފައި ވެއެވެ.

އޭނާ ލިޔެފައިވާ ގޮތުގައި ވީޑިއޯ ކުރަން ފެށުމުން އޭނާގެ އަތުން ފޯނު އަތުލަން އެމީހުން މަސައްކަތް ކުރި ވަގުތު އޭނާގެ އަތަށް ވަނީ އަނިޔާ ލިބިފައެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.