ދިވެހިރާއްޖެއަށް އިރުވައި މޫސުން ފެށުމާއި، ނުވަތަ އިރުވައި މޫސުން ފެށެން ކައިރިވެގެން އައުމާއި ގުޅިގެން ފެންނަ ހަ ބާވަތެއް މެރިން ޖާނަލް މޯލްޑިވެސް އިން ހިއްސާކޮށްފިއެވެ.
ދޮންދޫނި
ދޮންދޫނީގެ ބާވަތެއްކަމުގައިވާ ގްލޯބް ސްކިމަރ އަކީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމަށް ވައި ބަދަލުވާ ހިސާބުން އިންޑިއާއިން، އިންޑިއާ ކަނޑު ހުރަސްކޮށް އެފްރިކާއަށް ދާ އެއްޗެކެވެ. މި ދޮންދޫނީގެ ރާސްތާގައި ރާއްޖެއަކީ އެސޮރުމެން މަޑުކޮށްލާ ތަނެއް ގޮތުގައި ދިރާސާތަކުން ދައްކައެވެ. ދޮންދޫނި އާއްމުކޮށް ފެންނަން ފަށަނީ އޮކްޓޯބަރުގައެވެ. ދެން ނޮވެންބަރ، ޑިސެންބަރުގައި ދޮންދޫނީގެ އަދަދުތައް ގިނަވެ އޭގެ ފަހުން އެސޮރުމެންގެ އަދަދު ކޮންމެ އަހަރަކުވެސް މަދުވާން ފަށައެވެ.
ގުޑުގުޑާ ދޫނި
ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި ރާއްޖެއަށް އަންނަން ފަށަނީ އިރުވައިގެ ވަޔާއިއެކު ނޮވެންބަރު މަސް ހިސާބުގައެވެ. ގުޑުގުޑާދޫނި ކޮންމެ އަހަރަކު ވެސް ފެންނަނީ ރާއްޖޭގެ އުތުރުގެ ރަށްރަށުގެ ކުޅިތަކުންނެވެ. މީގެ ބައެއް ދޫނި ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. ފްލެމިންގޯގެ އިތުރުން އެކި ބާވަތުގެ ދޫނި އިރުވައި މޫސުމަށް ރާއްޖެ އާދެއެވެ.
ފުޅަނގި އެރުން
އިރުވައި މޫސުން ފެށޭއިރު ގިނަ ރަށްތަކަކަށް ފުޅަނގި އަރާކަމަށް ރިކޯޑު ކުރެވޭއިރު މިއީ ބައެއް ރަށްރަށަން ހުޅަނގު މޫސުމާއި ގުޅިގެންވެސް އަރާ މަހެކެވެ. މިއީ މާކަނޑުގައި އުޅޭ މަހެއްކަމުން ބަދަލުވާ ވަޔާއި އޮއެވަރާއިއެކު މިސޮރުމެން ރާއްޖެއަށް އާދެއެވެ. ފުޅަނގި މިއީ ދިވެހީންގެ މެދުގައި ކެއުމަށް މަގުބޫލު މަހެކެވެ.
ރެދަން ލުން:
ވޭތުވެދިޔަ ދެތިން އަހަރެއްގެ އިރުވައި މޫސުމާއި ގުޅިގަން ދިވެހިރާއްޖޭގެ ގިނަ ގޮނޑުދޮށްތަކެއް ދިއްލާލި ރެދަން ލުމުގެ ޖާދޫއަކީ ބަލާލަން ހިތްގައިމު މަންޒަރެކެވެ. މިއީ މޫދުގައި އުޅޭ އޮސްޓްރަކޮޑް ކިޔާ ބާވަތެއް ގިނައިން ގޮނޑުދޮށްތަކަށް ލެއްގުމުން ވާކަމެކެވެ.
މޫދު ހުއި ލެއްގުން
މޫދު ހުއިގެ ގިނަ ބާވަތްތަކެއް އިރުވައި މޫސުމާއި ގުޅިގެން ގޮނޑުދޮށްތަކަށް ލައްގާއިރު ސާގައިސަމްއަކީ ބައެއް އަހަރުތަކުގައި އާދައާއި ހިލާފަށް ގިނައިން ލައްގާ ބާވަތެކެވެ. މިއީ މާކަނޑުގައި ހެދޭ މޫދުހުޔެކެވެ. ސާގައިސަމް ކަނޑުގައި މާ ބޯކޮށް ހެދޭކަމަށް ދިރާސާތަކުން ދައްކާއިރު މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންވާކަމެއްކަމަށް ބައެއް ހޯދުންތަކުން ދެނެގަނެވިފައިވެއެވެ. ސާގައިސަމް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ގަސްކާނާ ހަދާފައި އެބަހުރިކަން ފާހަގަކޮށްލެވެއެވެ.
ކިނބޫ ފެނުން
ކިނބުލުގެ މޫދަށް ޚާއްސަ ބާވަތެއް ކަމުގައިވާ ސޯލްޓް ވޯޓަރ ކްރޮކޮޑައިލް ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުން އަދި ބައެއް ފަހަރަށް ގޮނޑުދޮށްތަކުންވެސް ފެނެއެވެ. މިއީ ގިނަފަހަރަށް އިރުވައި މޫސުމުގެ ކަނޑުގެ އޮއެވަރާއިއެކު އަންނަ ކިނބޫކަން ފާހަގަވެއެވެ. މިގޮތަށް އަންނަ ކިނބުލަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިސް އަޅަން އަންނަ ޖަނަވާރެއް ނޫންކަން ފާހަގަކޮށްލުން މުހިއްމެވެ. ކަމާއި ބެހޭ ފަރާތްތަކުން ދިވެހިރާއްޖެއިން ފެންނަ ކިނބޫ ހިފައި ރާއްޖެއާއި ތަންކޮޅެއް ދުރު ހިސާބުތަކަށް ދޫކޮށްފައި އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!