ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުޙައްމަދު އާރިފް މިއާ (31އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ވެސް ފުލުހުން ބުންޏެވެ.

Ad
rt

ފުލުހުން ވަނީ މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނެއްގައި މި ބިދޭސީ މީހާއާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކޮށްފައެވެ. މި ބަލާފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް (1.05 ގްރާމް) ފެނިފައިވާއިރު، އޭގެ އިތުރުން 92 ފުޅި ބަަނގުރާ ވަނީ ފެނިފައެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.