ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑް ބަލިވުމާއި ގުޅިގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ފަހިވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ބާސާއާއި ގެޓާފޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބާސާއަށް މޮޅެއް ލިބިފައި ނުވެއެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ގެޓާފޭ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތުގައި މި ލަނޑު ޖަހައިދިނީ ކޫންޑޭއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގެޓާފޭއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ އަރަމްބަރީއެވެ. މިއީ ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައި އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގަން ބާސާއިން ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. ލެމީން ޔަމާލް ފޮނުވާލި ހަމަލާއެއް ގޯލަށް ވަދެވަދެ އޮއްވައި ޑިފެންސުން ބްލޮކްކުރިއިރު، އޭނާ ފޮނުވާލި ނުރައްކާތެރި ދެވަނަ ހަމަލާ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ޑިޖޮން ފޮނުވާލި ނުރައްކާތެރި ހަމަލާ ހުއްޓުވީ، ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގެޓާފޭގެ ކީޕަރު ޑޭވިޑް ސޯރިއާއެވެ.

ހުރިހާ މުބާރާތެއް ހިމެނޭހެން ބަލިނުވެ 15 މެޗު ކުޅުމަށް ފަހު ރޭ އެތުލެލެޓިކޯ މެޑްރިޑް ވަނީ ލެގަނޭސްގެ އަތްދަށުވެފައެވެ. ލެގަނޭސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން އެތުލެޓިކޯ ބަލިކޮށްފައެވެ.

މެޗުގައި ލެގަނޭސްއަށް ލަނޑު ޖަހައިދިނީ ނަސްޓަސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

މެޗުގައި އެތުލެޓިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ. ލަނޑެއްޖަހަން ހޫލިންއަން އަލްވަރޭޒްއާއި އެންޓޯނިއޯ ގްރީޒްމަން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފައެވެ. އެތުލެޓިކޯގެ ހަމަލާތައް ހުއްޓުވުމުގައި ލެގަނޭސްގެ ކީޕަރ މިޓްރޮވިޗްގެ ފަރާތުން ރޭ ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް އެތުލެޓިކޯއަށް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ގްރީޒްމަން ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު އެއްވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލަށް އެއް މެޗު މަދުންކުޅެގެން ވަނީ 43 ޕޮއިންޓް ލިބިފައެވެ. މިރޭ ރެއާލް އަމިއްލަ ދަނޑުގައި ލަސް ޕަލްމާސްއާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓް ލީޑެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ރޭ މެޗުން ދެ ޕޮއިންޓް ގެއްލުމާއިއެކު ތިންވަނާގައި ބާސާ އޮތީ 20 މެޗުން ލިބުނު 39 ޕޮއިންޓާއިއެކުއެވެ.