އެމެރިކާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސްޓޭޓެއް ކަމަށްވާ މެސެޗޫސެޓްސްގައި 200 އަށްވުރެ ގިނަ ބަލިމީހުންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
މިޑްލްސެކްސް ޑިސްޓްރިކްޓް އެޓާރނީ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 200 އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާތަކެއް ޑރ. ޓޮޑްގެ މައްޗަށް ކުރެވިފައިވާ ކަމަށެވެ.
ބަލިމީހުންނަށް ބޭނުންނުވާ ޕެލްވިކް ފްލޯ ތެރަޕީ، ބްރެސްޓް އެގްޒެމިނޭޝަން، ޓެސްޓިކިއުލަރ އެގްޒެމިނޭޝަން އަދި އެހެނިހެން މެޑިކަލް ޕްރޮސީޖަރތައް 2010 އިން ފެށިގެން ކުރި ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
ހުކުރު ދުވަހު ބޭއްވުނު އަޑުއެހުމެއްގައި ޑރ. ޓޮޑް ވަނީ ކުށަށް އިންކާރުކޮށްފައެވެ. އޭނާ ވަނީ 10،000 ޑޮލަރުގެ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އަދި މައްސަލައިގެ ޝިކާރައަށްވީ ފަރާތްތަކާ ގުޅުން ބޭއްވުން މަނާކުރުމާއެކު، ޕާސްޕޯޓާއި މެޑިކަލް ލައިސަންސް ދައުލަތާ ހަވާލުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
180 އަށްވުރެ ގިނަ ބަލިމީހުން ތަމްސީލުކުރާ ވިލިއަމް ތޮމްޕްސަން ބުނާގޮތުގައި، މި ކުށުގެ ދައުވާ އިތުރަށް ފުޅާވެގެންދާނެ ކަމަށް ލަފާކުރެއެވެ.
"މިއީ ހަމައެކަނި ފެށުން. މިއީ އޭނާގެ ޕޭޝަންޓުންގެ މަދަނީ ދައުވާ ސާބިތުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ދައުވާ ލިބިފައިވާ ދެ މައްސަލަ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު އަދި 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އަދި ޑރ. ޓޮޑްގެ މައްޗަށް އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް ޕްރޮސިކިއުޓަރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!