ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފައިވާތީ މާލޭގައި ފެންބޮޑުވާއިރު އާންމުކޮށް ފެންވަންނަކަމަށް ފާހަގަވާ ގެތަކުގައި މާލެ ސިޓީ ކައުންސިލުން ވެލިބަސްތާ ޖަހައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ރެއިން ފެށިގެން އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ 56 އަށް ވުރެ ގިނަ ގެތަކުގައި މާލޭ ސިޓީ ކައުންސިލުން ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

Ad
rt

މިއަދުވެސް އިތުރު ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މިގޮތުން މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވިނަމަވެސް، ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ.

މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައިއާއި ރާއްޖޭގެ ހުޅަނގުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. މި ކޮޅިގަނޑުގެ ބާރު ގަދަވެ، އޭގެ އަސަރު ރާއްޖެއަށް މިއަދުން ފެށިގެން ކުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖެއަށް ކުރި ވިއްސާރާގައި ޖެނުއަރީ 3 ވަނަ ދުވަހު މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ. އަދި ޖެނުއަރީ 11 ގައި ކުރި ވިއްސާރާގައި ބެސް ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.